ޚަބަރު

ޑޮލަރު މާރުކުރާ ބިލުގެ ސަބަބުން ރަށްރަށުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ: ކާނި އަބްދުﷲ


  • ގެސްޓް ހައުސް ވިޔަފާރި ވަނީ އޭ ކެޓަގަރީން ބީ ކެޓަގަރީއަށް ބަދަލުކޮށްފައި

  • އޭގެ ސަބަބުން ޑޮލަރު މާރުކުރުމަށް އޮތް ދަތިތަކަށް ހައްލެއް ލިބިފގެންދާނެ

ބޭރު ފައިސާ މާރުކުރުމާބެހޭ ބިލަށް ތާޢީދުކުރައްވާކަން ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިކުރާ ހިންގާ ކާނި ހޮޓެލްސްގެ ވެރިޔާ، އަބްދުﷲ ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ބޭރު ފައިސާއާބެހޭ ބިލަކީ، ވިޔަފާރިތަަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ވަކި މިންވަރެއް މާރުކުރުމާބެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ.

ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީން ވަކި މިންވަރެއް މާރުކުރުން ލާޒިމްކުރާ ގޮތަށް އެކުލަވާލި އުސޫލުތަކާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓް ހައުސްތަކާއި ހޮޓާތައް ކެޓަގަރީ އޭ ގައި ހިމަނާފައި އޮތުމަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުމެކެވެ. އެކަމުގެ ސަބަބުން ބޮޑެތި ރިސޯޓްތަކުން ޑޮލަރު މާރުކުރަންޖެހޭ އަދަދަށް އެ ގެސްޓްހައުސްތަކާއި ހޮޓާތަކުން ޑޮލަރު މާރުކުރަންޖެހި، ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނޭކަމެއްކަންވެސް ވިޔަފާރިވެރިން ފާހަގަކުރެއެވެ. ނަމަވެސް އެމްއެމްއޭއިން އެކުލަވާލާފައިވާ ބޭރު ފައިސާއާބެހޭ ބިލުގައި ވަނީ އެކަމަށް ހައްލެއް ގެނެސްދެއްވާފައެވެ.

ބޭރު ފައިސާއާބެހޭ ބިލު މިހާރު އޮތްގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކާއި ހޮޓާތަކުން ޑޮލަރު މާރުކުރަންޖެހޭ މިންވަރު މަދުކޮށް، ބީ ކެޓަގަރީގައި ވަނީ ހިމަނާފައެވެ. މި ބަދަލު ގެނައުމާއި ގުޅިގެން އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ސަރުކާރުގެ ނިންމެވުމަށް މަރުހަބާ ކިޔާފައެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގާ ކާނި ހޮޓެލްސްގެ ވެރިޔާ އަދި ގެސްޓްހައުސް އާއި ހޮޓާތައް ތަމްސީލްކުރާ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވަނީ ގެސްޓް ހައުސްތަކުން ޑޮލަރު މާރުކުރަންޖެހޭ ކެޓަގަރީއަށް ބަދަލުކުރެއްވުމަކީ އުއްމީދީ ބަދަލެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރަށްރަށުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނެ ކަމެއްކަންވެސް ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް ފާހަގަކުރެއްވިއެވެ.

އެމްްއެމްއޭއިން އެކުލަވާލާފައިވާ ބޭރު ފައިސާއާބެހޭ ބިލުގެ އެންމެ ބޮޑު ބޭނުމަކީ ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކޮށް، ވިޔަފާރިވެރިންނާއި އާއްމުންނަށް މެދުނުކެނޑި ބޭރު ފައިސާ ފޯރުކޮށްދެވޭނެ ނިޒާމެއް އެކުލަވާލެއްވުމެވެ. މީގެކުރިން ވެރިކަމާއި ހަވާލުވި ކޮންމެ ސަރުކާރަކުންވެސް ޑޮލަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވަޢުދުވެޑައިގެންނެވިނަމަވެސް، އެއްވެސް ސަރުކާރަކުން އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްފައެއް ނުވާކަމީ މިއަދާއި ހަމައަށް އައިއިރުވެސް ޑޮލަރުގެ މައްސަލަ ހައްލު ނުވެ އޮތް ސަބަބެވެ.

ނިމިދިޔަ ސަރުކާރުތަކުން ޑޮލަރުގެ މައްސަލަ ހައްލުކުރެއްވުމަށް މަސައްކަތްތަކެއް ނުކުރެއްވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ ޑޮލަރުގެ މައްސަލަ ހައްލުކުރެއްވުމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ. އަދި އެމަނިކުފާނުގެ ވެރިކަމަށް އަހަރެއް ފުރުނުއިރު، ޑޮލަރުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަނީ ފަށާފައެވެ.

މިހާރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރިއެލޮކޭޝަން ނިޒާމެއް ޤާއިމް ކުރުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.

ބޭރު ފައިސާއާބެހޭ އުސޫލުތަކަށް ސަރުކާރުން ގެންނަވަމުންދާ ބަދަލުތަކަށް ގިނަ ބަޔަކު ދަނީ މަރުހަބާ ވިދާޅުވަމުންނެވެ. އަދި މީގެކުރިން އެއްވެސް ސަރުކާރަކަށް ހައްލުނުވި ޑޮލަރުގެ މައްސަލަ ހައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ފައްޓަވާފައިވާ މުހިއްމު މަސައްކަތަކީ ތަޢުރީފް ހައްޤު މަސައްކަތެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.