ޚަބަރު

ޓެރަރިޒަމާއި ގުޅޭ މަޢުލޫމާތު ފަނޑިޔާރުންނަށް ދެއްވައިފި


ޓެރަރިޒަމާއި، ހައްދުފަހަނަ އަޅައިދިއުމާއި ގުޅޭ މަޢުލޫމާތު ފަނޑިޔާރުންނަން ދެއްވުމަށް ޚާއްޞަ ސެޝަނެއް ކުރިއަށްގެންދަވައިފިއެވެ.

ޓެރަރިޒަމާއި، ހައްދު ފަހަނައަޅާދިއުމުގެ މައްސަލައަކީ ކަންބޮޑުވާންޖެހޭފަދަ ޤައުމީ މައްސަލައެއް ކަމަށްވުމާއެކު، އެކަމާގުޅޭ މަޢުލޫމާތާއި، ދިވެހިރާއްޖޭގައި މިހާރު ޓެރަރިޒަމް އޮތް ޙާލަތާއި، ޓެރަރިޒަމާއި ގުޅޭގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ޒިންމާއަކީ ކޮބައިކަމާއި، ޓެރަރިޒަމާއި، ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސިޔާސަތަކީ ކޮބައިކަމާ ގުޅޭ މައުލޫމާތު މި ސެޝަންގައި ފަނޑިޔާރުންނާ ޙިއްޞާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން މިކަންކަން ހުއްޓުވަން ރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ކުރަން ނިންމާފައިވާ ކަންތަކުގެ މަޢުލޫމާތު ފަނޑިޔާރުންނަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖުޑީޝަރީއާއި، ޑިފެންސް މިނިސްޓްރީ އަދި ކައުންޓަރ ޓެރެރިޒަމް ސެންޓަރު ގުޅިގެން ކުރިއަށްގެންދަވާ މިސެޝަންގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އިއްޔެ އޮތް މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މިސެޝަންގައި މައުލޫމާތު ދެއްވާފައިވަނީ ކައުންޓަރ ޓެރެރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، އެމް.އެން.ޑީ.އެފްގެ ފަރާތުން މޭޖަރ ޙަސަން އާމިރުއެވެ. މިއީ ޖުޑީޝަރީން އިންތިޒާމް ކުރައްވައިގެން ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް ޚާއްޞަކޮށްގެން ފައްޓަވާފައިވާ "ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން - މުޖުތަމަޢަށް އޮތް ބޮޑު ނުރައްކަލެއް" މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވި ސެޝަނެކެވެ.