ދުނިޔެ

ރެފިއުޖީންގެ އަދަދު 65.3 މިލިއަނަށް އަރައިފި


ހަނގުރާމައާއި އެހެނިހެން ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ޙިޖުރަކުރާ ރެފިއުޖީންގެ ޢަދަދު 65.3 މިލިއަނަށް އަރާފައިވާކަމަށް އދގެ ރެފިއުޖީންނާއި ބެހޭ ޖަމްޢިއްޔާ ޔޫ.އެން.އެޗް.ސީ.އާރުން ބުނެފިއެވެ.

އ.ދގެ ރެފިއުޖީންނާއި ބެހޭ ޖަމްޢިއްޔާ ޔޫ.އެން.އެޗް.ސީ.އާރުގެ ގްލޯބަލް ޓްރެންޑް ރިޕޯރޓް ދައްކާގޮތުން ރެފިއުޖީންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަކީ އެމީހުން ޙިމާޔަތާއި ރައްކާތެރިކަން ހޯދުމަށް ދާ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ބަންދުކުރުމާ، އެޤައުމުތަކުގެ ޙިޖުރަކުރުމާބެހޭ ޤާނޫނާއި ޤަވާޢިދުތައް އިތުރަށް ހަރުކަށިކުރުމާ، ނަސްލީ ތަފާތުކުރުންތަކެވެ. މިރިޕޯރޓު ބުނާގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ރެފިއުޖީންގެ ޢަދަދުވަނީ ޔޫ.އެން.އެޗް.ސީ.އާރުން ރިކޯރޑް ބަލަހައްޓަން ފެށިފަހުން މައްޗަށްނުދާ މިންވަރަކަށް މައްޗަށް ގޮސްފައެވެ. ރެފިއުޖީންގެ ޢަދަދު 65.3 މިލިއަންއަށް އިތުރުވެފައިވާއިރު، 2014 ވަނަ އަހަރު މިޢަދަދު ހުރީ ފަންސާސް ނުވައެއް ޕޮއިންޓް ފަހެއް މިލިއަނުގައެވެ. މިއީ ފާއިތުވި 5 އަހަރާ އަޅާބަލާއިރު 50 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި، މީގެ މާނައަކީ ކޮންމެ 113 މީހަކުން އެކަކީ ރެފިއުޖީއެއް، ނުވަތަ އެހެން ޤައުމެއްގެ ޙިމާޔަތް ހޯދުމަށް މަސައްކަތްކުރަމުންދާ މީހެއް ނުވަތަ އަމިއްލަ ޤައުމުގައި ގެދޮރުގެއްލި ޙާލުގައިޖެހިފައިވާ މީހެއް ކަމަށް ޔޫ.އެން.އެޗް.ސީ.އާރުން ބުނެއެވެ.

img:http://s1.psmnews.mv/images/660x400/14633235395104.jpg|ރެފިއުޖީ އާއިލާއެއް

ސޫރިޔާ، އަފްޣާނިސްތާން، ބުރުންޑީ އަދި ދެކުނު ސޫދާން ފަދަ ޤައުމުތަކުގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ޤައުމު ދޫކޮށްލާން ޖެހިފައިވާ ރެފިއުޖީންގެ ޢަދަދު 21.3 މިލިއަނަށް އަރާފައިވާއިރު، މީގެތެރެއިން ދެބައިކުޅަ އެއްބައިމީހުންނަކީ ކުޑަކުދިންކަމަށް އދ.ގެ ރެފިއުޖީ އެޖެންސީއިން ފާހަގަކުރެއެވެ. ރެފިއުޖީންނާބެހޭ އ.ދ ގެ ހައިކޮމިޝަނަރު ފިލިއްޕޯ ގްރާންދީ ވިދާޅުވީ މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕްގެ އައްސޭރިފަށަށް އަންނަމުންދާ ރެފިއުޖީން ރަމްޒުކޮށްދެނީ މައްސަލައެއް ޙައްލުނުކޮށް ދޫކޮށްލައިފިނަމަ އެމައްސަލައެއް އެބަޔަކާ ހަމައަށް އަންނާނެކަން ކަމުގައެވެ. އަދި މުއްސަނދި ޤައުމުތަކުގެ ރައްޔިތުންނަށް މިކަން ފަހުމުވުމަށް މިހާ ވަގުތުނެގީތީ ހިތާމަކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. ގްރާންދީ ވިދާޅުވީ އެކި ޤައުމުތަކަށް ޙިޖުރަކުރަމުންދާ ރެފިއުޖީންގެ ޢަދަދު މަދުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށާއި، މިކަން ކުރެވޭނީ އެކި ޤައުމުތަކުގައި ހިގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ސިޔާސީގޮތުން ޙައްލުކުރެވިގެންކަމަށެވެ.

img:http://s3.psmnews.mv/images/660x400/14642422518539.jpg|ރެފިއުޖީ ކޭމްޕެއްގައި އުޅޭ ކުދިންތަކެއް

ޔޫ.އެން.އެޗް.ސީ.އާރުގެ ރިޕޯޓުން ދައްކާގޮތުން 2015 ވަނަ އަހަރު އެކަނިވެސް 2 މިލިއަން މީހުން ވަނީ ތަރައްޤީވެފައިވާ އެކި ޤައުމުތަކުގެ ޙިމާޔަތަށް އެދި ރަޖިސްޓްރީކޮށްފައެވެ. ފާއިތުވި އަހަރު ގާތްގަނޑަކަށް 100 ހާސް ރެފިއުޖީ ކުޑަކުދިން ޢާއިލާއާއި ނުލާ، އެކަނި ދަތުރުކުރި ކަމަށާއި، މިއީ 2014 ވަނަ އަހަރާއި އަޅާބަލާއިރު 3 ގުނަ އިތުރު ޢަދަދެއްކަމަށް ޔޫ.އެން.އެޗް.ސީ.އާރުން ބުނެއެވެ. ރެފިއުޖީންގެ ތެރެއިން އެންމެގިނަ ބަޔަކަށް ހިޔާވަހިކަންދީފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތައްކަމަށާއި، ތުރުކީ ވިލާތުގައި އެކަނިވެސް ސޫރިޔާގެ ދޭއް ޕޮއިންޓް ފަހެއް މިލިއަން ރެފިއުޖީން އެބަތިބިކަމަށް ޔޫ.އެން.އެޗް.ސީ.އާރުގެ ރިޕޯރޓް ބުނެއެވެ. ދެން އެންމެ ގިނަޢަދަދަކަށް ރެފިއުޖީން ތިބިކަމަށް ރިޕޯޓް ކުރެވިފައިވަނީ ޕާކިސްތާނާއި ލުބްނާނުގައެވެ. ރެފިއުޖީންނާބެހޭ އ.ދ ގެ ހައިކޮމިޝަނަރު ވިދާޅުވީ އެހީތެރިކަމަށް ބޭނުންވެފައިވާ ރެފިއުޖީންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެމީހުން ރައްކާތެރިކަން ހޯދަން ދަތުރުކުރާ ޤައުމުތަކުން އެމީހުންނަށް މަރުހަބާކިއުމުގެ ބަދަލުގައި ފުރަގަސްދިނުންކަމަށެވެ.

img:http://s3.psmnews.mv/images/660x400/7675.jpg|ޔޫ.އެން.އެޗް.ސީ.އާރް އިން ބަލަހައްޓާ ރެފިއުޖީ ކޭމްޕެއް

ބޯލްކަން ޤައުމުތަކުން އެޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ރެފިއުޖީންނަށް ބަންދުކުރުމާ ގުޅިގެން، ތުރުކީވިލާތާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރަމުންދާ ރެފިއުޖީންގެ މައްސަލަ ޙައްލުކުރުމަށް މިއަހަރުގެ މާރޗްމަހު އެއްބަސްވުމަކަށް އައިސްފައެވެ. ރެފިއުޖީންނާބެހޭ އ.ދ ގެ ހައިކޮމިޝަނަރު ވިދާޅުވީ މިހާރަށް ރެފިއުޖީންގެ ޢަދަދު މަދުވެފައިވީނަމަވެސް މިއީ ދާއިމީ ޙައްލެއް ނޫންކަމަށާއި ރެފިއުޖީން އިތުރުވުމަށް މެދުވެރިވާ މައިގަނޑު މައްސަލަތަކަށް އަދި ޙައްލު ހޯދިފައިނުވާކަމަށެވެ.

ޔޫ.އެން.އެޗް.ސީ.އާރުން ހާމަކުރާގޮތުގައި މިހާރުވެސް ދިރިއުޅޭނެ ޤައުމެއް ނެތި، އަސާސީ ޚިދުމަތްތަކުން މަޙުރޫމްވެފައިވާ 10 މިލިއަން ރެފިއުޖީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. އަދި ހަމަނުޖެހުމާއި އެހެނިހެން މައްސަލަތަކުގެ ސަބަބުން ދުވާލެއްގެ މައްޗަށް 34 ހާހަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި އަމިއްލަ ގެދޮރާއި ޤައުމު ދޫކުރަން ޖެހޭކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.