މި އަހަރުގެ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމަން އެވޯޑްސް 26 ކަނބަލަކަށާއި ފިރިހެނަކަށް ދީފިއެވެ. މިއީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ދެމުން އަންނަ އެވޯޑެކެވެ.
އެވޯޑް ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
ބައިނަލްއަގުވާމީ ޖަމްޢިއްޔާއެއްގެ ދަށުން ހިންގަމުން އަންނަ، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްއިން ކޮންމެ އަހަރަކު ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމަން އެވޯޑްސް" އަކީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.
މި އަހަރުގެ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސްގައި ވިޔަފާރި އަދި ކެރިއަރުގައި ކާމިޔާބު ހޯދާފައިވާ ދިވެހި އަންހެނުން ފާހަގަކޮށް، އެ މީހުންގެ އަގުވަޒަން ކުރުމަށް އެވޯޑް ދީފައިވެއެވެ. އެގޮތުން އެކި ދާއިރާތަކުން އަގުހރި މަސައްކަތްތަކެއް ކޮށްފައިވާ 27 މީހަކަށް މި އެވޯޑް ދީފައިވެއެވެ. މީގެ ތެރެއިން ވިމެން އޮފް ދަ އިޔަރ ލިބިފައިވަނީ އއ. އުކުޅަހަށް ނިސްބަތްވާ ޒަހިއްޔާ މުޙައްމަދަށެވެ. އަދި ޔޫތު ލީޑަރ އޮފް ދަ އިޔަރ ލިބިފައިވަނީ މަރްޔަމް ތަސައްނަމް ވަހީދަށެވެ.
މި ހަފްލާގައި ކެއަރ ސޮސައިޓީއަށާއި ދިރާގަށްވެސް ވަނީ އެވޯޑް ދީފައެވެ. މި އެވޯޑް ދެމުން އަންނަނީ އަންހެނުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެން ގޮސް، އިގުތިސާދީ ކުރިއެރުން ލިބުމަށް މަގުފަހި ކުރުމަށްޓަކައެވެ.
މިއީ ރާއްޖޭގައި މި އެވޯޑު ދިން 6 ވަނަ އަހަރެވެ. ބޭންކިން އަދި ފައިނޭންސް، ހޮސްޕިޓަލިޓީ، މީޑިއާ، ޤާނޫނީ ދާއިރާ، ލޮޖިސްޓިކްސް އަދި ސަޕްލައި ޗެއިން ފަދަ ތަފާތު ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ 170އަށްވުރެ ދިވެހި އަންހެނުންނަށް މީގެ ކުރިން މި އެވޯޑު ދީފައިވެއެވެ.