ޚަބަރު

އޮންލައިން ވިޔަފާރިތަކަށް މީރާއިން ލޯގޯއެއް ތަޢާރަފްކުރައްވައިފި


ވިއްކާ މުދަލާއި ޚިދުމަތުގެ އަގުން ނަންގަވާ ޓެކްސް، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ އޮންލައިން ވިޔަފާރިތަކަށް ޚާއްޞަ ލޯގޯއެއް މީރާއިން ތަޢާރަފްކުރައްވައިފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ވިދާޅުވީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އޮންލައިންކޮށް ވިޔަފާރިކުރާނަމަ އެ ވިޔަފާރި ހިންގަން ބޭނުންކުރާ އޮންލައިން ޕޯޓަލްގައި މީރާއިން ކަނޑައަޅުއްވާފައިވާ ލޯގޯއެއް ފެންނަން ހުންނަންޖެހޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

މީރާއިން ވިދާޅުވީ މި ފަދަ ލޯގޯއެއް ތަޢާރަފުކުރެއްވުމުގެ މަޤުޞަދަކީ އެ ފަދަ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަސްޓަމަރުންނަށް އެނގޭނެ ގޮތެއް ހަމަޖެއްސެވުން ކަމަށެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުން ބޭނުންކުރަންޖެހޭ މި ލޯގޯގައި ޓެކްސް ދައްކާ ފަރާތުގެ ނަމާއި ޓިން ހިމެނޭނެ ކަމަށް މީރާއިން ވިދާޅުވެއެވެ. 

ދައުލަތުގެ ޓެކްސް އިދާރާއިން ވިދާޅުވީ، މި ލޯގޯއަށް އެދުމަށް މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ފަރާތެއްގެ މަޢުލޫމާތު ހުށަހެޅުމުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް ލޯގޯ ފޮނުއްވައިދެއްވާނެ ކަމަށެވެ.