ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ސަހަރަށް ދިން ނިރުބަވެރި ޙަމަލާތަކުގައި 70 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ އެކި ކަންކޮޅުތަކަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައި މި ވަނީ، ޔަހޫދީން ހުރަސް އަޅާފައިވާ ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް މިޞްރުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ 19 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ. ނުޞަޔިރާތަކީ ޣައްޒާގައި ހުންނަ އަށް ރެފިއުޖީ ކޭމްޕުގެ ތެރެއިން އެ ސަހަރުގެ އުތުރުގައި އޮންނަ ކޭމްޕެކެވެ. ޣައްޒާގެ އުތުރުގައި އޮތް ބަޔިތު ލާޙިޔާއަށް ދިން ނުރައްކާތެރި ޙަމަލާތަކެއްގައި 10 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ. ބަޔިތު ލާޙިޔާގައި ޔަހޫދީ ފައުޖުން ބޮން އަޅާފައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ ގެއަކަށެވެ.
މީގެ އިތުރުން، ޣައްޒާގެ އުތުރާއި ދެކުނުގެ ރަށްތަކަށް ޙަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރުން ދަނީ ނުޞަޔިރާތުގެ ހުޅަނގާއި އުތުރުގެ ސަރަޙައްދުތަކުގައި ޤަތުލުޢާންމު ފުޅާ ކުރަމުންނެވެ. ފަލަސްޠީނުގެ އެމަރޖެންސީ ޚިދުމަތްތަކާ ބެހޭ އިދާރާއިން ބުނީ، އެ ސަރަޙައްދަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ޔަހޫދީ ސިފައިން ހުރަސް އަޅަމުންދާ ކަމުގައެވެ.
ބަޔިތު ލާޙިޔާގައި ހުންނަ ކަމާލް ޢަދްވާނީ ހަސްފަތާލަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ޞިއްޙީ ޚިދުމަތްތެރިން ބުނީ، އެ ހަސްފަތާލަށް ދީފައިވާ ޙަމަލާތަކުގައި އެ ތަނުގެ އިންޓެންސިވް ކެއަރ ޔުނިޓުގެ ވެރިޔާ އަޙްމަދު އަލް-ކަޙްލޫތު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެ ހަސްފަތާލަށް ދީފައިވާ ޙަމަލާތަކުގެ ޒިންމާ އުފުލަން ޔަހޫދީ ފައުޖުން ވަނީ ދެކޮޅު ހަދާފައެވެ.
ކަމާލް ޢަދްވާނީއަކީ، މި ވަގުތު ޣައްޒާގެ އުތުރުގައި ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ މަދު ހަސްފަތާލުތަކުގެ ތެރެއިން އެއް މަރުކަޒެވެ. އެ ތަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ ފައުޖުން ދަނީ އެ ތަނަށް ނިރުބަވެރި ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އަދި، ބޭހާއި، ތެލާއި، ކާބޯތަކެތި ލިބުން ދަތިވެ، އެ ހަސްފަތާލުގެ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. ޔަހޫދީ ސިފައިން ވަނީ އެ ހަސްފަތާލުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ހައްޔަރު ކޮށްފައެވެ.
ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޢުދުވާންތައް ވަގުތުން ހުއްޓުމަކަށް ގެނައުމަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ، ހައިހޫނުގައި ޖެއްސުމަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ޔަހޫދީ ފައުޖުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމުގައެވެ. އަދި، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް ގެދޮރު ނެތިކޮށްލާފައިވާ ކަމުގައެވެ.
ޔަހޫދީ ފައުޖުގެ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާ ކުރަމުން މި ދަނީ، ޢުދުވާންތައް ހުއްޓުވުމަށް ކުރަމުން ދިޔަ މަޝްވަރާތައް އަލުން ފެށުމަށް މިޞްރުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެެވެ. މެދުވެރިންގެ ގޮތުގައި މަޝްވަރާތައް ވިލަރެސް ކުރަމުން ގޮސްފައި ވަނީ މިޞްރާއި ޤަޠަރު ގުޅިގެންނެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި މިޞްރުގެ މަޞްދަރުތަކުން ބުނީ، މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން ވާހަކަތައް ބޭއްވުމަށް ޙަމާސްގެ އިސް އޮފިޝަލުންގެ ވަފުދެއް ނޮވެންބަރު 30ވަނަ ދުވަހު ޤާހިރާއަށް ދާނެކަމުގައެވެ.
މަޝްވަރާތައް އަލުން ފެށުމަށް މިޞްރުން މަސައްކަތް ފަށާފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރާނެ ކަން އެމެރިކާއިން ވެސް އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޔަހޫދީންގެ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ. އަދި، ޔަހޫދީން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންނެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 44,363އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 105,070 މީހުން ޒަޚަމު ކޮށްލާފައެވެ.