ޚަބަރު

ރޮނާލްޑޯގެ ދެ ލަނޑާއެކު އަލް ނަސްރު މޮޅުވެ ތިންވަނައަށް


ސައުދީ ޕްރޯ ލީގުގައި ދަމަކް އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.

އަލް ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއެކު އަލް ނަސްރަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 11 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އަލް ހިލާލަށް 11 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނިޓުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ދަމަކްގެ އަބްދުލްކާދިރު ބަދްރީން އަށް ރެފްރީ ދެއްކި ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑެއް ދައްކާ އޭނާވަނީ ދަނޑުން ފޮނުވާލާފަ އެވެ.

އަލް ނަސްރު އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.