ޚަބަރު

އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކަށް ސަމާލުވާންޖެހޭ


އިސްލާމް ދީނާ ދެކޮޅު ފިކުރުތަކަކީ، އެ ފިކުރުތައް އުފެއްދި މީހުން ނެތިދިޔަކަމުގައި ވިޔަސް، އަދިވެސް ފެތުރެމުންދާ ފިކުރުތަކެއް ކަމަށާއި، އެ ފިކުރުތަކާމެދު އެންމެހާ މުސްލިމުން ސަމާލުވުމަށް ރޭގެ އިޙްޔާ ފޯރަމްގައި ގޮވާލައްވައިފިއެވެ.

ރަމަޟާން މަހުގެ ރޭތައް ދިރުވައި އާލާކުރުމަށް ބާއްވަވާ އިޙްޔާ ފޯރަމްގެ ތެރެއިން ރޭ ބާއްވަވާފައިވަނީ 4 ވަނަ ފޯރަމެވެ. މި ފޯރަމްގެ މައުޟޫއަކީ އިސްލާމް ދީނާ ދެކޮޅު ފިކުރުތަކެވެ. މި މަވްޟޫއަށް ދަރުސްދެއްވީ، ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، އައްޝައިޚް ޙަސަން ތައުފީޤެވެ. އިސްލާމްދީނާ ދެކޮޅު ފިކުރުތަކަކީ، އިސްލާމްދީނުގެ ކުރީކޮޅުގައި، ފެށިގެން އައި ކަމެއްކަމަށް ޝައިޚުން ވިދާޅުވިއެވެ. އެގޮތުން އެފިކުރުތަކާއި، އިސްލާމްދީނާ ދެމެދު ހުރި ތަފާތުގެ މައްޗަށް ޝައިޚުން ވާހަކަދެއްކެވިއެވެ. އަދި އިސްލާމްދީނާ އިފިކޮޅު ފިކުރާ ދެކޮޅަށް ކުރަމުންދާ މަސައްކަތަކީ ޖިހާދުކުރުމުގެ ބައެއްގެ ގޮތުގައި އެ ބޭފުޅުން ސިފަކުރެއްވިއެވެ.

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، އިސްލާމް ދީނާ ދެކޮޅު ގިނަ ފިކުރުތަކެއް މިއަދުގެ މުޖުތަމަޢުން ފެންނަކަމަށާއި، އެ ފިކުރުތަކުގެ ނުފޫޒުގައި އެތައް ބަޔަކު ޖެހެމުންދާ ކަމަށެވެ. އަދި އާދަމްގެފާނު އުފެއްދެވި ހިސާބުން ހައްޤާއި ބާޠިލްގެ ދެމެދު ދުނިޔޭގައި ހަނގުރާމަ ފެށިގެން ދިޔަކަމަށްވެސް ވިދާޅުވިއެވެ. އަދި އިސްލާމް ދީނާ ދެކޮޅު ފިކުރުތައް ރާއްޖޭގައި ފެތުރުމަށް، ބޭރުގެ ނުފޫޒުތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.

މި ފޯރަމްގައި، އެއްވެސް ދީނެއް ޤަބޫލުނުކުރާ ފިކުރަނީ އިސްލާމް ދީނާ ޚިލާފު ފިކުރެއް ކަމަށާއި، އެފަދަ ފިކުރުތަކާމެދު ޖަވާބުދާރީވެ، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރެވޭނެ ކަންތައްތައްވެސް އިބްރަހީމް ޒަކަރިއްޔާ މޫސާ ބަޔާންކުރެއްވިއެވެ.

އައްޝައިޚް ޙަސަން ތައުފީޤްގެ ވާހަކަފުޅުގައި، ޝިޔައީންގެ ޤަބޫލުކުރުންތަކަކީ އިސްލާމީ ފިކުރާ ދެކޮޅު ފިކުރެއް ކަމަށް ވިދާޅުވިއެވެ.

ރޭގެ އިޙްޔާ ފޯރަމްގައިވެސް ވަނީ އޯޑިއެންސްގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ސެޝަނެއް ބާއްވަވާފައެވެ. އަދި ދަރުސް ދެއްވި މަވްޟޫއާ ގުޅޭގޮތުން، އެސް.އެމް.އެސް ކޮށްގެން ޖަވާބު ދެވޭނެ ސުވާލެއްވެސް ވަނީ ހުށައަޅުއްވާފައެވެ. އިޙްޔާ ފޯރަމްގެ ބައްދަލުވުމެއް ދެން އޮންނާނީ، އަންނަ ބްރާސްފަތި ދުވަހުގެ ރޭގައެވެ.