މިހާރު ބަހްރެއިނުގައި ކުރިއަށްދާ ބިލީޖީން ކިންގް ކަޕުގެ އޭޝިއާ އަދި އޯޝޭނިއާ ގުރޫޕް ތިނެއްގައި ދިވެހިރާއްޖެ އިރާޤާއި ދެކޮޅަށް ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވެއްޖެ އެވެ.
މި މަހުގެ 25 ވަނަ ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ލަޔާން ޝާމިން ވަނީ ޒ.ހަލީލް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. އެއީ 0-6 އަދި 3-6 އިންނެވެ. އަދި ދެވަނަ ގޭމް ވާދަވެރިކޮށްދިޔައިރު، ރާއްޖޭގެ އާރާ އާސާލް އާޒިމް މިގޭމް ކާމިޔާބުކުރީ 2-6 އަދި 1-6 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ތިންވަނަ ގޭމު ގެންދިޔައީވެސް ރާއްޖޭގެ ޕެއާއިންނެވެ. މި ގޭމުގައި ރާއްޖޭގެ ނަޔާރާ އާއި އާރާ އާސާލްގެ ޕެއާ ވާދަކުރީ އިރާޤުގެ ހަލީލް އާއި ހަސަންއާއެވެ. ރާއްޖޭގެ ޕެއާއިން މި ގޭމު ގެންދިޔައީ 2-6 އަދި 0-6 އިންނެވެ.
މިއީ މުބާރާތުގައި ރާއްޖެއިން ހޯދި ފުރަތަމަ މޮޅެވެ. ރާއްޖެއިން ވަނީ މުބާރާތުގައި ފުރަތަމަ މެޗުގައި މިޔަންމާއަތުން ބަލިވެފައެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ އާރާ އާއި، ލަޔާން ޝާމިންގެ އިތުރުން ނަޔާރާ އުސާމާ އަލީ އަދި މަންހާ މުޙައްމަދެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ 3 ވަނަ ފަހަރެވެ.