ޚަބަރު

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަންޖެހޭ


ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިޙާދުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މަޑުމަޑުން އުވާލަންޖެހޭ ކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ.

ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ފްރަންކް ވަލްޓަރ ސްޓައިންމަޔަރ ވިދާޅުވީ ޔުކްރެއިނަށް ޞުލްޙަ ގެނައުމުގެ ޕްލޭނަށް ކުރިއެރުން ލިބެމުންދާނަމަ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަސައްކަތް ފަށަންޖެހޭކަމަށެވެ. ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަކީ ވިލާތުގެ މަސްލަޙަތަށްވެސް ގެއްލުން ހުރި ކަމެއްކަމަށާ އެފިޔަވަޅުތައް އުވާލެވޭނެ ފުރުޞަތެއް ލިބިއްޖެނަމަ އެކަން ކުރަންޖެހޭކަމަށް ސްޓައިންމަޔަރ ވިދާޅުވިއެވެ. 

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ޔުކްރެއިންގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވާ އެޤައުމުގެ އިދިކޮޅު ފަރާތްތަކަށް ރަޝިޔާއިން ހަތިޔާރާއި ތަމްރީނު ދެމުންދާތީ ކަމަށް ވިލާތުގެ އިއްތިޙާދުން ބުނެއެވެ. މީގެއިތުރުން ޔުކްރެއިންގައި ޞުލްޙަ ޤާއިމުކުރުމަށް ރަޝިޔާއާއި ޔުކްރެއިން ހިމެނޭގޮތަށް ސޮއިކޮށްފައިވާ "މިންސްކް" އެއްބަސްވުން ތަންފީޒު ކުރުމަށް ރަޝިޔާގެ އެއްބާރުލުން ނުލިބޭކަމަށް ވިލާތުގެ އިއްތިޙާދުން ކުރާ ތުހުމަތު ތަކަކީވެސް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހުނު ސަބަބެއް ކަމަށް ވިލާތުގެ އިއްތިޙާދުން ބުނެއެވެ.