ހުޅުމާލެއާއި މާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢަކީ ދާރުލްއަރުޤަމް މަޝްރޫޢާއި ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަޤުފް އިމާރާތުގެ މަޝްރޫޢެވެ. މިމަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓަށް ބޮޑު ލުއެއް ލިބޭނެކަން އެ ވުޒާރާއިން ވިދާޅުވިއެވެ.
ވަޤުފު މަޝްރޫޢުތަކާ ގުޅޭގޮތުން މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ވަޤުފު މަޝްރޫޢުގެ ފުރަތަމަ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދެވަނަ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫޢުތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށެވެ.
"އައުޤާފް ޑިވެލޮޕްމަންޓަކީ ވަރަށް މުހިންމު ކަމެއް. މިހާރު މިވަނީ ހުޅުމާލެއާއި މާލެއިން 2 ބިމެއް ކަނޑައަޅާފައި. މިތަންތަން ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މި މަޝްރޫޢުތައް ނިމޭއިރު އަހަރަކު 50 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ. އެއީ ދަޢުލަތަށް ބަރޯސާ ނުވެ ދީނީ ކަންކަމަށް ޚަރަދުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު އިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާނެވެ. މިއިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބެއެވެ. މީގެއިތުރުން މިހާރު ވަނީ އަތޮޅާއި ސިޓީ ވަޤުފު މަޝްރޫޢެއްވެސް އިފްތިތާހްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ސިޓީތަކުގެ ތެރެއިން ފުރަތަމަ ވަޤުފުގެ މަޝްރޫ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. އަދި ރަށު ވަޤުފު މަޝްރޫޢު ކުރިއަށް ގެންދަނީ ހދ. ނެއްލައިދޫގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ބޭނުންފުޅުވަނީ އެކި ސަރަޙައްދުތަކުގައި މިފަދަ މަޝްރޫއުތައް ކުރިއަށްގެންގޮސް އެ މަޝްރޫޢުތަކުން ފައިސާ ލިބޭނެ މަގު ފަހިވުންކަމަށެވެ.