ޚަބަރު

12 މެޗަށްފަހު ލެސްޓާގެ ކޯޗު ކޫޕަރ ވަކިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން 12 މެޗަށްފަހު ސްޓީވް ކޫޕަރ ވަކިކޮށްފިއެވެ.

މި ސީޒަން ފެށުމުގެ ކުރިން ލެސްޓަރ ސިޓީ އާއި ކޫޕަރ ހަވާލުވެފައިވަނީ އެ ޓީމަށް ކުރިން ކޯޗުކޮށްދިން އެންޒޯ މަރެސްކާ ލެސްޓަރ ދޫކޮށް ޗެލްސީ އާއި ގުޅުމަށް ފަހުގަ އެވެ. މަރެސްކާ ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕް ލެސްޓަރ ސިޓީއަށް ކާމިޔާބުކޮށްދީ ޕްރިމިއާ ލީގުން އެ ޓީމަށް ފުރުސަތު ހޯދަދީފަ އެވެ.

ކޫޕާރގެ އިރުޝާދުގެ ދަށުން ލެސްޓަރ ސިޓީ މި ސީޒަނުގައި މިހާތަނަށް 12 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 10 ޕޮއިންޓާއެކު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.

ލެސްޓަރ ސިޓީން ކޯޗު ކޫޕަރ މަގާމުން ވަކިކޮށްފައިމިވަނީ މިދިޔަ ހޮނިހިރު ދުވަހު ޗެލްސީ އަތުން 2-1 ގެ ނަތީޖާއަކުން ލެސްޓަރ ބަލިވިތާ އެއް ދުވަސް ފަހުންނެވެ. މިއީ މި ސީޒަނުގައި މިހާތަނަށް އެ ޓީމު ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި 6 ވަނަ މެޗެވެ.

އަދި އެ ކްލަބުން ހާމަކޮށްފައިވާ ގޮތުގައި އެ ޓީމަށް ކޯޗެއް ހަމަޖެހެންދެން ވަގުތީ ގޮތުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ބެން ޑޯސަންގެ ބެލުމުގެ ދަށުންނެވެ.

އުމުރުން 44 އަހަރުގެ ކޫޕަރ ލެސްޓަރ ސިޓީ އާއި ހަވާލުވުމުގެ ކުރިން ކޯޗު ކޮށްދީފައިވަނީ ނޮޓިންހަމް ފޮރެސްޓަށެވެ. 2022 ވަނަ އަހަރު ޕްރިމިއާ ލީގަށް ނޮޓިންހަމް ފޮރެސްޓް ޕްރޮމޯޓް ކޮށްދިން ނަމަވެސް 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހު ނޮޓިންހަމް އިން ވަނީ ކޫޕަރ ވަކިކޮށްފަ އެވެ.

2017 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑްކަޕް އިންގްލޭންޑަށް ކާމިޔާބުކޮށްދިން ކޫޕަރ ވަނީ މީގެ ކުރިން ސްވަންސީ އަށްވެސް ކޯޗުކޮށްދީފަ އެވެ.

ލެސްޓަރ ސިޓީގެ ކޯޗު ކަމުން ކޫޕަރ ވަކިކުރުމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ޓިމަކަށް ބަލާއިރު އެ ޓީމު އަދި އޮތީ ރެލިގޭޝަން ޒޯނުގައި ނޫން ކަމަށާއި އެހެންކަމުން އެއީ ކޯޗުކަމުން އޭނާ ވަކިކުރަން ޖެހޭ ވަރުގެ ހާލަތެއް ނޫން ކަމަށެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ލެސްޓަރ ސިޓީގެ ކޯޗުކަމާއި ހަވާލުވުން އެންމެ ގާތް ފަރާތަކީ ކުރިން ޗެލްސީ އާއި ބްރައިޓަން އަށް ކޯޗުކޮށްދިން ގްރަހަމް ޕޮޓަރ އެވެ.