ޚަބަރު

ކުރީގެ ނައިބުރައީސް ޑރ.ޖަމީލް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ


ފުލުހުން ތަޙްޤީޤް ކުރައްވަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބައްލަވަމުންދާ މައްސަލަތަކަކާ ގުޅިގެން ކުރީގެ ނައިބުރައީސް ޑރ. ޖަމީލްގެ އިތުރުން ރާއްޖެޓީވީގެ ޗެއަރމަން އަކްރަމް ކަމާލުއްދީންވެސް ފުލުހުންގެ އިދާރާއަށް ހާޟިރު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ފުލުހުން ވިދާޅުވީ ކުރީގެ ނައިބުރައީސް ޑރ. ޖަމީލާއި އަކްރަމް ކަމާލުއްދީންނާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ސައްޙަނޫން ލިޔެކިއުމެއް ތައްޔާރުކުރި މައްސަލަ ހިމެނޭކަމަށެވެ. އެހެންނަމަވެސް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކުގެ ތަފްސީލް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ޑރ. ޖަމީލާއި އަކްރަމް ކަމާލުއްދީން ފުލުހުންގެ އިދާރާއަށް ހާޟިރުވުމަށް އަންގާ އަމުރު ޙަވާލުކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އެގޮތުން ޑރ. ޖަމީލް މާލޭގައި އުޅުއްވާ ގޭގެ ދޮރު ތަޅުލާފައިވާތީ ޗިޓް ހަވާލުކުރެވިފައި ނުވާކަމަށާއި، އަކްރަމް ކަމާލުއްދީންގެ އާއިލާގެ ފަރާތުން އޭނާ ރާއްޖޭގައި ނޫޅޭކަމަށްބުނެ ޗިޓާ ޙަވާލުވެފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ޞައްޙަނޫން ކޯޓް އަމުރެއް ތައްޔާރުކުރުމުގެ ކުށުގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުޙުސިނާއި، މާމިގިލީ ކޯޓްގެ މެޖިސްޓްރޭޓް އަޙްމަދު ނިހާން ސަތާރަ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކުރައްވާފައެވެ.

ފުލުހުން ބައްލަވަމުންގެންދަވާ މައްސަލަތަކުގެ ތަޙްޤީޤަށް ޑރ. ޖަމީލާއި، އަކްރަމް ކަމާލުއްދީންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.