ޚަބަރު

ޓޮޓްނަމް އިން ތަފާތު ބޮޑުކޮށް ސިޓީ ބަލިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އަތުން 4-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

މިއީ 2006 ވަނަ އަހަރަށްފަހު މެންޗެސްޓަރ ސިޓީ ޖެހިޖެހިގެން ފަސްވަނަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބަލިވުމާއެކު އެ ޓީމު އަމިއްލަ ދަނޑުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު 52 މެޗަށްފަހު ވަނީ ނިމުމަކަށް އައިސްފަ އެވެ.

މީގެ އިތުރުން މެންޗެސްޓަރ ސިޓީގެ ކޯޗު ކަމާއި ޕެޕް ގަޑިއޯލާ ހަވާލުވި ފަހުން މިއީ ޕްރިމިއާ ލީގުގެ ތިން މެޗުގައި ޖެހިޖެހިގެން ސިޓީ ބަލިވި ފުރަތަމަ ފަހަރުވެސްމެ އެވެ. އަދި ގަޑިއޯލާގެ ކޯޗިން ހަޔާތުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން 4 ލަނޑުގެ ތަފާތުން މީގެ ކުރިން ބަލިވެފައެއް ނުވެއެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ ބަލިވިއިރު ލީގުގައި ކުޅުނު 12 މެޗުން އެ ޓީމަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 11 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގައި އޮތް ޗެލްސީ އާއި އާސެނަލް އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. ޓޮޓްނަމް ވަނީ 12 މެޗުން ލިބުނު 19 ޕޮއިންޓާއެކު ހަވަނައަށް އަރާފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 13 ވަނަ މިނިޓުގައި ޓޮޓްނަމްގެ ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން މެޑިސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ހާފުގައި 2-0 ގެ ލީޑެއް އެ ޓީމަށް ހޯދަދީފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޕެޑްރޯ ޕޯރޯ ވަނީ އިތުރު ލަނޑެއް ޓޮޓްނަމް އަށް ކާމިޔާބުކޮށްދީފަ އެވެ. އަދި އެ ޓީމުން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީފައިވަނީ ބްރެނަން ޖޯންސަން އެވެ.

މިއީ 2003 ވަނަ އަހަރު އާސެނަލް އަތުން 5-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވި މެޗަށްފަހު އެ ޓީމު އަމިއްލަ ދަނޑުގައި ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީގެ މެދުތެރޭގައި ޓީމު ލައްވާ ކުޅުވާނެ ކުޅުންތެރިއެއް ނެތްތަން ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ އެވެ. އަނިޔާގެ ސަބަބުން ރޮޑްރީ ކުޅުމާއި ދުރުގައި ހުރިއިރު މި މެޗުގައި މަޓިއޯ ކޮވަސިޗް ވެސް ކުޅެފައެއް ނުވެއެވެ.