ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާ ދެކޮޅަށް ސެލްޓަ ވީގޯ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މި މެޗުން މޮޅުވެ ހަތް ޕޮއިންޓުގެ ލީޑެއް ނެގުމަށް ބާސެލޯނާއަށް ފުރުސަތު ލިބިފައިވަނިކޮށް މި މެޗު އެއްވަރުވުމުން ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ބާސެލޯނާއަށް ލިބިފައިވާ 34 ޕޮއިންޓާއެކު އަދިވެސް އެ ޓީމު އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 14 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ދެ މެޗު މަދުން ކުޅެގެން 12 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.
އެހެންކަމުން ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކޮށްގެން ރެއާލް މެޑްރިޑަށް ބާސެލޯނާ އާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތުވަނީ ލިބިފަ އެވެ.
ސެލްޓަވީގޯ ދަނޑުގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ބާސެލޯނާގެ ރަފީނިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 13 ވަނަ ލަނޑެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސެލްޓަ ވީގޯ އިން ވަނީ ޕެނަލްޓީ އަކަށް އެޕީލްކޮށްފަ އެވެ. ނަމަވެސް ރެފްރީ ވަނީ ޕެނަލްޓީއެއް ދިނުމުގެ ބަދަލުގައި ލާގޯ އަސްޕާސް ޑައިވް ކުރިކަމަށް ބަލާފައި ރީނދޫ ކާޑެއް ދައްކާފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ މި ސީޒަނުގެ ލަލީގާގައި ލެވަންޑޯސްކީ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.
މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވެގެން ގޮސްފައިވަނީ މެޗުގެ 82 ވަނަ މިނިޓުގައި ބާސެލޯނާގެ މާކް ކަސާޑޯ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރެފްރީ ރަތް ކާޑެއް ދެއްކި ހިސާބުންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ބާސެލޯނާ އިން ކުޅެން ފެށިތާ ދެވަނަ މިނިޓުގައި ސެލްޓަ ވީގޯ ގެ އަލްފޮން ގޮންޒާލޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމުން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް ގެނެސްދީފަ އެވެ.
އަދި އޭގެ ދެ މިނިޓު ފަހުން މެޗުގެ 84 ވަނަ މިނިޓުގައި ހޫގޯ އަލްވަރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.