ކޮންމެ މަހަކު މުސާރައިން އުނިކޮށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދަވާ މުވައްޒަފުންގެ ސްކީމްގައި ސިވިސް ސާރވިސް ކޮމިޝަނުން ބައިވެރިވެއްޖެއެވެ.
މިކަށްޓަކައި ސިވިލް ސާރވިސް ކޮމިޝަންގައި މިއަދު އޮތް ރަސްމިއްޔާތުގައި ސިވިލް ސާރވިސް ކޮމިޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް ވިދާޅުވީ، އެހެނިހެން ކްރެޑިޓް ސްކީމްތަކާއި ޚިލާފަށް ހައްޖުކޯޕަރޭޝަނުން ކުރިއަށް މިގެންދަވަނީ ސޭވިންގ ސްކީމެއްކަމަށާއި މި ސްކީމް ސިފަކުރައްވަނީ ފަހަށް ރައްކާކުރަން ދަސްކޮށްދޭ މުހިންމު ސްކީމެއްގެ ގޮތުގައިކަމަށެވެ.
މި ސްކީމްގެ ދަށުން ހައްޖަށް ދިއުމަށްޓަކައި ފައިސާ އެއްކުރުމަށް މުވައްޒަފުގެ މުސާރައިން ކޮންމެ މަހަކު އެ މުވައްޒަފަކު ބޭނުން ވަރަކަށް ކެނޑޭނެއެވެ. އަދި މި ފައިސާއިން އެ މުވައްޒަފުގެ އިތުރުން އޭނާ ބޭނުން އެހެންމީހަކަށް ހައްޖަށް ދިއުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުންވެސް މި ސްކީމްގައި މިހާރުވަނީ ބައިވެރިވެފައެވެ.