ތިލަފުށީގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 33 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެ އިދާރާއިން ތިލަފުށީގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 33 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދިޔަ ބަޔަކުވެސް ހިމެނޭކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަންގެ ތެރެއިން. މި ރެއިޑުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު 33 ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދިއަ ބިދޭސީން ވެސް ހިމެނޭ.… pic.twitter.com/ZFbxOC0t2s
— Maldives Immigration (@ImmigrationMV) November 23, 2024
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކާ ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި، ބިދޭސީންނާއި ގުޅޭ މައްސަލަތައް ހުށައެޅުމަށް ޕްލެޓްފޯމެއްވެސް ވަނީ އިމިގްރޭޝަނުން ޤާއިމުކުރައްވާފައެވެ. އަދި ބިދޭސީން އުޅޭ ތަންތަނާއި ވިޔަފާރިތައް ބަލާފާސްކުރުމުގެ އެތައް އޮޕަރޭޝަނަކާއި ރެއިޑްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މިގޮތުން ކުރެވުނު މަސައްކަތްތަކާއެކު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 5000 އަށްވުރެ ގިނަ ބިދޭސީން އެމީހުން ނިސްބަތްވާ ޤައުމުތަކަށް އަނބުރާ ފޮނުވާލެވިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.