ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތުގައި މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލުކޮށްފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަންދެއްވި އެއް މައްސަލައިގެ ތެރޭގައި ޤަވާއިދާއި ޙިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުން ހިމެނެެއެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދެވި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ބިދޭސީންގެ މައްސަލަ ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިރުޝާދުދެއްވާފައިވާކަމަށެވެ. އެގޮތުން ސަރުކާރުން މި އަހަރަށް ޢަމާޒު ކަނޑައެޅީ ރާއްޖޭގައި ގަވައިދާ ޚިލާފައި އުޅޭ ބިދޭސީންނާއި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހިމެނޭގޮތަށް 5000 ބިދޭސީން އަނބުރާ ފޮނުވާލުމަށްކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި ސަރުކާރުން ކަނޑައެޅުއްވި ޢަމާޒާއި އެއްގޮތަށް، މިހާތަނަށް 5000 ބިދޭސީން ރާއްޖެއިން އަނބުރާ ފޮނުވާލާފައިވާކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެކޯޑް އަދަދަކަށް ޤައުމަށް އަނބުރާ ފޮނުވާލާފައިވާއިރު، އެތެރޭގައި ޤަވާއިދާއި ޚިލާފަށް އެކިއެކި ވިޔަފާރިތައް ކުރަމުންދިޔަ ބިދޭސީން ގިނަކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި އަންނަ އަހަރު މި އޮޕަރޭޝަން އިތުރަށް ފުޅާކުރައްވާނެކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.
"މިއަހަރު މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގައި ރެކޯޑް ޢަދަދަކަށް ފޮނުވާލި އަހަރެއް. ކުރިއަށް އޮތް އަހަރު މި ދާއިރާ އިތުރަށް ހަރުދަނާކޮށް، މި މަސައްކަތް މިއަށްވުރެވެސް ފުޅާކުރާނަން." ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވިއެވެ.
ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި، ބިދޭސީންނާއި ގުޅޭ މައްސަލަތައް ހުށައެޅުމަށް ޕްލެޓްފޯމެއްވެސް ވަނީ އިމިގްރޭޝަނުން ޤާއިމުކުރައްވާފައެވެ. އަދި ބިދޭސީން އުޅޭ ތަންތަނާއި ވިޔަފާރިތައް ބަލާފާސްކުރުމުގެ އެތައް އޮޕަރޭޝަނަކާއި ރެއިޑްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ޝަމްޢާން ވަހީދު ވިދާޅުވީ އިމިގްރޭޝަންގެ މަސައްކަތްތަކުގެ ތެރެއިން އަލަށް އުފެއްދި "ބޯޑަރ އިންޓެލިޖެންސް ޑިވިޝަން"ގެ މަޤުޞަދުވެސް ފުރިހަމައަށް ހާސިލްވަމުންދާކަމަށެވެ. މިއީ ރާއްޖެ އެތެރެވެ ވޭރުވާ މީހުންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރުމާއި، ރާއްޖެއަށް ވަނުން މަނާ މީހުން އަދި ޑިޕޯޓްކުރާ މީހުން މޮނިޓަރު ކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ޤާއިމުކުރި ޑިވިޝަނެކެވެ. ޝަމްއާން ވަނީ ރާއްޖެއިން ޑީޕޯޓްކުރާ މީހުންނާއި ބްލެކްލިސްޓްކުރާ މީހުންނަށް މިހާރު ރާއްޖޭގެ ބޯޑަރު ހުރަސްކޮށް ރާއްޖެ އެތެރެނުވެވޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ތަފްސީލީ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ބައޯމެޓްރިކްސް ހިމެނޭހެން 10000 ބިދޭސީންގެ މަޢޫލޫމާތު ވަނީ އެއްކޮށްފައެވެ.