ކުޅިވަރު

ތުރުކީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް


ތުރުކީ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ޖާގަ ހޯދައިފިއެވެ. 

ގްރޫޕް ޑީ ގައި ތުރުކީއާ ސްޕެއިން ވާދަކުރި މެޗް ސްޕެއިން ކާމިޔާބުކުރީ ތިންލަނޑު ސުންލަނޑުންނެވެ. މެޗްގައި ސްޕެއިންގެ ތިންލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ނޮލީޓޯއެވެ. މިއީ މިފަހަރުގެ ޔޫރޯގައި އެއް ޓީމަކުން ތިންލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ސްޕެއިން ގްރޫޕްގެ ފުރަތަމަ މެޗް ޗެކްރިޕަބްލިކާއި ވާދަކޮށް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.  ގްރޫޕް ޑީ ގައި ސްޕެއިން ދެން ނިކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. އަދި ތުރުކީ ނިކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.

 މިގްރޫޕުން ސްޕެއިންއާއެކު ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ޗެކްރިޕަބްލިކާއި ކްރޮއޭޝިއާ އަށެވެ.