ޚަބަރު

ހާލަންޑުގެ ހެޓްރިކާއެކު ނޯވޭއަށް މުހިންމު މޮޅެއް


ޔުއެފާ ނޭޝަންސް ލީގުގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އާލިން ހާލާންޑް ހެދި ހެޓްރިކާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެ، ލީގުގެ އޭ ކެޓަގަރީއަށް ނޯވޭ ކޮލިފައިވެއްޖެއެވެ.

ނޯވޭ ވަނީ ލީގު ބީގެ ގްރޫޕު ތިނެއްގައި ކުޅުނު ހަ މެޗުން 13 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް އޮސްޓްރިއާއަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު ސްލޮވޭނިއާއަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. އަދި ކަޒަކިސްތާނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ނޯވޭގައި ކުޅުނު މި މެޗުގެ 23 ވަނަ މިނިޓުގައި ހާލަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 14 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ނޯވޭގެ ސޯލޮތް ވަނީ މެޗުގެ 41 ވަނަ މިނިޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ހާލަންޑް ހެޓްރިކް ހަދާފައިވަނީ މެޗުގެ 71 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ. އަދި މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ވެސް ހާލަންޑު އެވެ. މި މެޗުގައި ޖެހި ތިން ލަނޑާއެކު ހާލަންޑް ވަނީ ގައުމީ ޓީމަށް ކުޅުނު 39 މެޗުގައި 38 ލަނޑު ޖަހާފަ އެވެ.

ނޯވޭ އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ 76 ވަނަ މިނިޓުގައި ޖަރުމަނުގެ ލެއިޕްޒިގް އަށް ކުޅޭ ޒުވާން ކުޅުންތެރިޔާ އެންޓޯނިއޯ ނޫސާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އޮސްޓްރިއާ އާއި ސްލޮވޭނިއާ ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.