އިންގްލަންޑުގެ ވަގުތީ ކޯޗު ލީ ކާސްލީގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފަހު މެޗުގައި 5-0 ގެ ނަތީޖާއަކުން ރިޕަބްލިކް އޮފް އަޔަލަންޑް އަތުން މޮޅުވެއްޖެއެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕު ސްޓޭޖުގައި އިންގްލެންޑް ކުޅުނު 6 މެޗުން އެ ޓީމަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ގްރީސް އަށްވެސް 15 ޕޮއިންޓް ލިބިފައިވާއިރު އިންގްލެންޑަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނިޓުގައި އިންގްލޭންޑަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި އިންގްލޭންޑް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންތޮނީ ގޯޑޮން އެވެ. މިއީ އޭނާ އިންގްލޭންޑްގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި އޭގެ ތިން މިނިޓު ފަހުން ކޮނޯ ގަލެގާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
އިންގްލޭންޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ޖެރޮޑް ބޮވެން ކާމިޔާބުކޮށްދިން އިރު އޭގެ ހަތަރު މިނިޓު ފަހުން ޓޭލަރ ހާވުޑް ބެލިސް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
އިންގްލޭންޑްގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެ ލީ ކާސްލީ ވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އަދި މި މެޗަށްފަހު އޭނާ ވަނީ ސީނިއާ ޓީމުގެ ކޯޗު ކަމުން ދުރުވެ ކުރިންވެސް އޭނާ ހުރި 21 އަހަރުން ދަށުގެ ގައުމީ ޓީމާއި ހަވާލުވެފަ އެވެ.
އިންގްލޭންޑް އިން ވަނީ އެ ޓީމުގެ ކޯޗަކަށް ތޯމަސް ޓުޗެލް ދާދި ފަހުން އައްޔަން ކޮށްފަ އެވެ. ޓުޗެލް އޭނާގެ މަސައްކަތާއި ރަސްމީކޮށް ހަވާލުވާނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.