ސިއްޙީ ނިޒާމަކީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރާ އެއްދާއިރާއެވެ. ހަމައެއާއެކު މިއީ މިވޭތުވެދިޔަ ތަނުގައި ދައުލަތުގެ ޚަރަދު އެންމެ ބޮޑަށް އިސްރާފުކުރެވޭގޮތަށް ނިޒާމު ބައްޓަންވެފައި އޮތް ދާއިރާއެއްކަންވެސް ފާހަގަކުރެވެއެވެ.
މިކަން ހައްލުކުރުމަށް މިސަރުކާރުންވަނީ އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފައްޓަވާފައެވެ.
އާބާދީގައި ގާތްގަނޑަކަށް ތިންލައްކަ އައްޑިހަހާސް މީހުންނަށް ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިންދަނީ ޚިދުމަތް ދެމުންނެވެ. ގުދުރަތީގޮތުން ރާއްޖެ އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ޚިދުމަތް ޤާއިމުކޮށް ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް އަހަރަކު ބޮޑެތި ހޭދަތަކެއް ދައުލަތުންދަނީ ކުރަމުންނެވެ. އެހެންނަމަވެސް މިއީ ދެމެހެއްޓެނިވިގޮތެއްގައި ކުރެވޭ ހޭދައަކަށް ހެދުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާކަމެކެވެ.
ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހުރަސްތަކާއެކު ސިއްޙީ ދާއިރާގެ ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރުމަށްވަނީ ނިންމަވާފައެވެ. ސަރުކާރުން ވިދާޅުވާގޮތުގައި ސިއްޙީ ނިޒާމުގައި އާސަންދައިގެ ބޭރުން ވަރަށް ބޮޑު ހޭދައެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ހުރި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އެތަންތަނަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމަށް އަހަރަކު 3 ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން އާސަންދައަށް އަހަރަކު ގާތްގަނޑަކަށް 2 ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު އަހަރުން އަހަރަށް، ދައުލަތުގެ ބަޖެޓުގައި އަންދާޒާކުރާ މިންވަރަށްވުރެ އާސަންދައަށް ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ.
ހަމައެއާއެކު އާސަންދައިން ފޯރުކޮށްނުދޭ ޚިދުމަތްތަކަށް އެންސްޕާ މެދުވެރިކޮށް ދައުލަތުންދަނީ ރައްޔިތުންގެ ބޭސްފަރުވާއަށް ހޭދަކުރަމުންނެވެ. އެހެންކަމުން މިޚަރަދުތަކާއެކު އަހަރަކު ގާތްގަނޑަކަށް 5 ނުވަތަ 6 ބިލިއަނެއްހާ ރުފިޔާ ހަމައެކަނި ސިއްޙީ ދާއިރާއަށް ޚަރަދުކުރަމުންދާއިރު މިއީ ރާއްޖެ ފަދަ ޤައުމަކަށް ދެމެހެއްޓޭނެކަމެއް ނޫންކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ފާހަގަކުރައްވައެވެ. ސަބަބަކީ އާމްދަނީ 40 ބިލިއަނަށް ނާރާ ޤައުމަކަށްވާއިރު ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގެ މިހާބޮޑު އިންސައްތައެއް ސިއްޙީ ދާއިރާއަށް އެކަނި ހޭދަކުރުމަކީ ދެކޮޅު ޖެހޭކަމެއް ނޫންކަމަށް އެބޭފުޅުން ފާހަގަކުރައްވައެވެ.
މިއާއެކު ސަރުކާރުން މިހާރުވަނީ އާސަންދަ ރީފޯމްކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން އާސަންދައަކީ އެންމެ ބޭނުން ޖެހިފައިވާ މީހާއަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ، މާލީގޮތުން ފުދުންތެރި މީހުންގެ ތެރެއިން ދައުލަތުގެ ވެލްފެއާ ނިޒާމުން ނާޖާއިޒު މަންފާ ނަގަމުންދާ ފަރާތްތައް ހުއްޓުވުމަށްވެސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. ހަމައެއާއެކު އާސަންދައިގެ ދަށުން ކުރެވޭ ހޭދަ ކުޑަކުރުމަށް ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމަށްވެސް ބަދަލުތަކެއް ގެނައުމަށްވަނީ ނިންމަވާފައެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެރައްޔިތެއްގެ މާލީ ހާލަތާއި ބައްދަލު މިންވަރަކަށް މުސާރައިން ކެނޑޭނެ އުސޫލެއްގެ ތެރެއިން ޚާއްސަ ފަންޑެއް ޤާއިމުކުރުމަކީ މިނިޒާމު ހަރުދަނާކުރުމަށްވެސް ކުރެވިދާނެ މުހިންމުކަމެއްކަން ސަރުކާރުންވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި ސިއްޙީ ނިޒާމަށް ދައުލަތުންކުރާ ހޭދައަކީ ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރެވޭނެ ނިޒާމަކަށް ބަދަލުކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއެކު މިނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ޤައުމަށް ލިބި، ދާއިރާގައި ލިބެން ނެތް ޚިދުމަތް ޤާއިމުކުރުމަށާއި، ހުރި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.