ޚަބަރު

ހޯމް ކާރފިއު ޓެގް އެޅުވުމަށްފަހު 150 ގައިދީއަކު ގޭ ބަންދަށް


ކުށްވެރިންނަށް އަދަބު ލުއިކޮށްދެއްވުމާއި، މަޢާފްދެއްވުން އެކި ގޮތްގޮތަށް ކުރިއަށް ގެންދަވައެވެ.

ޕެރޯލްގެ ދަށުން ދެވަނަ ފުރުޞަތެއް ދެއްވުމާއި، ބޮޑެތި ކުށްތަކުގެ އަދަބު ތަންފީޒުކުރަމުންދާ މީހުންގެ އަދަބު ރައީސުލްޖުމްހޫރިއްޔާ  ލުއިކޮށްދެއްވުން މީގެތެރޭގައި ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ކުދި ކުށްތަކުގައި ޙުކުމްކުރައްވައި، މިހާރު ޖަލުގައި ޙުކުމް ތަންފީޒުކުރަމުން އަންނަ ޤައިދީންގެ ތެރެއިން 150 ޤައިދީއަކު ޖުލައިމަހުގެ ތެރޭގައި ގޭބަންދަށް ބަދަލުކުރައްވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ، ޕެރޯލްގެ ދަށުން ދޫކޮށްލައްވާ ކުށްވެރިން ނޫން ކަމަށާއި، މިއީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މަޢާފްދެއްވުމުގެ އިޚްތިޔާރުގެ ދަށުން، "ހޯމް ކާރފިއު ޓެގް" އެޅުއްވުމަށްފަހު ގޭ ބަންދަށް ބަދަލުކުރައްވާ ޤައިދީންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، 248 ޤައިދީއަކު ޝޯރޓްލިސްޓްކުރައްވައި، އެމީހުންގެ ރެކޯރޑް ސާފުކުރައްވަމުން އަންނަ ކަމުގައެވެ.

ހޯމް ކާރފިއު  ޓެގްއަޅުވައި ގޭބަންދަށް ދޫކުރައްވާ ޤައިދީންނަށް ކިޔެވުމާއި ވަޒީފާއަށް ދިޔުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި ސައުވީސް ގަޑިއިރު އެމީހުންގެ ޙަރަކާތްތައް މޮނިޓަރކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހޯމް ކާރފިއު ޓެގްއަޅުވައި ގޭބަންދަށް ދޫކޮށްލައްވާ ޤައިދީންނަކީ ކުދިކުށްތަކުގައި ޙުކުމް ތަންފީޒުކުރަމުން އަންނަ ޤައިދީންނެވެ. މިގޮތުން ދޫކޮށްލައްވާނެ މީހުން ކަނޑައެޅުއްވުމުގައި ބައްލަވަނީ، ޖަލުގައި އަޚްލާޤް ރަނގަޅު، އަދި އިތުރު ދައުވާޢެއް ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާފައިނުވާ ހަމަ އެހެންމެ ފުލުހުން އެމީހަކާބެހޭ އިތުރު މައްސަލައެއް ތަޙްޤީގްކުރައްވަމުން ނުގެންދަވާ މީހުންނަށެވެ.

ހޯމް ކާރފިއު ޓެގްއަޅުވާފައިވާ މީހުން، އެކަމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެމީހުން އަބނުރާ ޖަލަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ހޯމް ކާރފިއު ޓެގް އަޅުވައި ގޭ ބަންދަށް ޤައިދީން ގެންދެވޭ ފުރަތަމަ ފަހަރެވެ.