ޚަބަރު

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަނަށް


  • މިމަޝްރޫޢުގެ ދަށުން އޭދަފުށީގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 12 ޓަވަރު

  • މިޓަވަރުތަކުގައި ހިމެނެނީ 2 ކޮޓަރީގެ 772 ފްލެޓާއި 3 ކޮޓަރީގެ 336 ފްލެޓެ

ބ.އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރައްވައިފިއެވެ.

އޭދަފުށީގައި ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ސައިނޯ ހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސައިނޯ ހައިޑްރޯ ކޯޕަރޭޝަންގެ ކަންޓްރީ މެނޭޖަރ ޕެން ގުއާންޝޫއެވެ.

މިއެއްބަސްވުމަކީ 8 މެއި 2024ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ކައުންސިލާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއެކު ޓެކްނިކަލް މަސައްކަތް ކުރެވި އޭދަފުށީގައި އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ޑިޒައިންކުރުމަށްފަހު ޑީޓެއިލް ޕްރޮޕޯސަލް ހުށަހެޅުމާއެކު ސަރުކާރުން ކޮންޓްރެކްޓަރާ މަޝްވަރާކުރައްވައި އެއްބަސްވެގެން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

އޭދާފުށިގައި 1000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މިމަޝްރޫޢުގެ ދަށުން އެރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 12 ޓަވަރެވެ. މިޓަވަރުގައި ހުންނާނީ 2 ކޮޓަރީގެ 772 ފްލެޓާއި 3 ކޮޓަރީގެ 336 ފްލެޓެވެ.

މިގޮތަށް 15 ބުރީގެ 12 ޓަވަރު އެޅުމަށް ނިންމެވީ އޭދަފުއްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އަރބަން ސެންޓަރަކަށްވެފައި އެރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ބިން އިތުރުރުކުރެވެން ނެތުމާއެކު ވަރޓިކަލް ޑިވެލޮޕްމަންޓަކީ މުހިންމުކަމެއްކަމަށް ގަބޫލްކުރެވިގެން ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިވަޢުދު ފުރިހަމަކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިދައުރުގައި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސްވަނީ ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ ބަޖެޓު ޚާއްޞަކޮށްފައިވަނީވެސް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އަމާޒުކުރައްވައިގެންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް، ބޯހިޔާވަހިކަމަށް މިހާ ބޮޑު ޢަދަދެއް ޚާއްޞަކުރެވުނު ފުރަތަމަ ފަހަރެވެ. އެގޮތުން 1.5 ބިލިޔަން ރުފިޔާ، ގެދޮރު އެޅުމުގެ ޢަމަލީ މަސައްކަތަށްވަނީ ޚާއްސަކޮށްފައެވެ.