ޚަބަރު

ޑެންމާކް ބަލިކޮށް ގްރޫޕުގެ އެއްވަނަ ސްޕެއިނަށް


ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕުގެ އެއްވަނަ މަގާމު ސްޕެއިނުން ހޯދައިފިއެވެ.

މި މެޗު ކާމިޔާބު ކުރުމާއެކު ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އަށް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު ފަސް މެޗުން 13 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބިފަ އެވެ. ދެވަނައިގައި އޮތް ޑެންމާކަށް ފަސް މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ސަރބިޔާ އަށް 5 ޕޮއިންޓް ލިބިފައިވާއިރު ސްވިޒަލޭންޑަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.

އެހެންކަމުން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ސްޕެއިން އިން ވަނީ ކަށަވަރު ކޮށްފަ އެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ކޮންމެ ނަތީޖާއެއް ނިކުތަސް ސްޕެއިން އަށް ނުރައްކަލެއް ނެތްއިރު ފަހު މެޗުގައި ސަރބިޔާ އާއި ޑެންމާކް އަންނަ ހަފްތާގައި ކުޅޭ މެޗުން ސަރބިޔާ މޮޅުވެއްޖެނަމަ އެ ޓީމަށް ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިގެންދާނެ އެވެ.

ޑެންމާކުގެ ޕާކެންގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ސްޕެއިންގެ މިކޭލް އޮޔަރްޒަބާލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ސްޕެއިން އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކުރިން ނިއުކާސަލް ޔުނައިޓެޑާއި ލެސްޓަރ ސިޓީއަށް ކުޅުނު އަޔޯޒް ޕެރޭޒް އެވެ. މި ލަނޑަކީ ޑެނީ އޮލްމޯގެ އެސިސްޓަކުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި މެޗުގައި ޑެންމާކް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގުސްޓާވް އިސަކްސެން އެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން އަންނަ ހޯމަ ދުވަހު ނިކުންނާނީ ގްރޫޕުގެ ފުލުގައި މިވަގުތު އޮތް ސްވިޒަލޭންޑާއި ދެކޮޅަށެވެ.