ޚަބަރު

އެޓީޕީ ޓުއާ ފައިނަލްސް: އަލްކަރޭޒް ބަލިކޮށް ޒްވެރޭވް ސެމީއަށް


މިހާރު ކުރިއަށްދާ އެޓީޕީ ޓުއާ ފައިނަލްސްގެ ސެމީ ފައިނަަށް ޖަރުމަނުގެ އެލެކްޒެންޑަރ ޒްވެރޭވް ދަތުރުކޮށްފިއެވެ.

ޒްވެރޭވް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ކާލޯސް އަލްކަރޭޒް އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ޒްވެރޭވް މި މެޗަށް ނިކުމެފައިވަނީ ގްރޫޕުގައި ކުޅުނު ދެ މެޗު ކާމިޔާބު ކުރުމަށްފަހު ގްރޫޕުގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. އެހެންކަމުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ބޭނުންވެފައި އޮތީ އަލްކަރޭޒް އަތުން އެންމެ ސެޓެކެވެ.

މުބާރާތުގައި ތިންވަނަ އަށް ސީޑުކޮށްފައިވާ އަލްކަރޭޒް އަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާން އޮތީ މި މެޗު ކާމިޔާބުކޮށްގެންނެވެ. ނަމަވެސް އެހެން ކުޅުންތެރިންގެ ނަތީޖާތަކަށް ބެލުމަށްފަހު ޖުމްލަ ޕަސެންޓޭޖުން އޭނާއަށް ސެމީގެ ފުރުސަތު ލިބެން އޮތީ ރޫޑް އާއި ދެކޮޅަށް ރުބްލޭވް ކުޅޭ މެޗުން ރުބްލޭވް މޮޅުވެގެންނެވެ. ނަމަވެސް އެ މެޗުން ރޫޑް ވަނީ ރުބްލޭވް ބަލިކޮށް މުބާރާތުން އަލްކަރޭޒް ކަޓުވާލާފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހަތަރުވަނަ ފަހަރަށް ޒްވެރޭވް ހޯދުމާއެކު އޭނާ ވެފައިވަނީ ސަރބިޔާގެ ނޯވަކް ޖޯކޮވިޗް އަށް ފަހު މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު އެންމެ ގިނައިން ހޯދި ދެވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. ޖޯކޮވިޗް ވަނީ މި މުބާރާތުގެ ސެމީ ފައިނަލަށް ފަސް ފަހަރު މަތިން ކޮލިފައިވެފަ އެވެ.