ޚަބަރު

މަރުގެ ޙުކުމް އިއްވާތާ 30 ދުވަހުގެ ތެރޭގައި ދަންޖައްސަނީ


ސްޕުރީމް ކޯޓުން މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވާތާ 30 ދުވަހުގެ ތެރޭގައި ދަންޖައްސައިގެން ޙުކުމް ތަންފީޒުކުރައްވާގޮތަށް ނިންމަވައިފިއެވެ.

ޤަޞްދުގައި މީހަކު މެރުމުގެ ކުށް ތަޙްޤީޤްކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި ޢަމަލުކުރަންވީ ގޮތުގައި ޤަވާޢިދުގައި ކުރިން ބުނެފައިވަނީ މަރުގެ އަދަބު ތަންފީޒުކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެންކަމަށެވެ.

ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ހޯމްމިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޤަވާޢިދަށް ދަންޖައްސާގޮތަށް އިސްލާޙުގެނެސް މިހާރު އެޤަވާޢިދު ގެޒެޓް ކުރައްވާފައިވާކަމަށެވެ. މި އިސްލާޙާއެކުވެސް ލީތަލް އިންޖެކްޝަން ޖަހައިގެންވެސް މަރުގެ ޙުކުމް ތަންފީޒުކުރުންވެސް ޤަވާޢިދުގައި ހިމަނުއްވާފައިވާ ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ، މީހެއްގެ މައްޗަށް މަރުގެ ޙުކުމް ސުޕްރީމު ކޯޓުން އިއްވާތާ ތިރީސްދުވަހުގެ ތެރޭގައި ދަންޖައްސައިގެން އެމީހެއްގެ މައްޗަށް ޙުކުމް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި  ޙުކުމް ތަންފީޒުކުރަން އޮންނަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މާފް ހޯދުމަށް ޢާއިލާތަކާއެކު ވާހަކަ ދައްކަވާނެކަމަށާއި އެކަން ކުރައްވާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިވެގެން ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

ޙުކުމް ތަންފީޒުކުރަން އޮންނަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ޢާއިލާތަކާ ދައުލަތުން ވާހަކަ ދެއްކެވުމަށް ނިންމެވީ އިސްލާމް ދީނުގެ މާފްދިނުމަށް ބާރުއަޅުއްވާތީ އެކަމަށް މަގުފަހިކުރެއްވުމަށްކަމަށް ޢުމަރު ފާހަގަކުރެއްވިއެވެ. ހައިކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ރައްޔިތުން މަޖްލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލައިގެން މަރަށް ޙުކުމް ކޮށްފައިވާ ހ. ލޮބީ ޙުސައިން ހުމާމްއާއި މަޝްހޫރު ޤާނޫނީ ވަކީލް މަރާލައިގެން މެރުމަށް ޙުކުމް ކޮށްފައިވާ މ. މަސްރޫރާ އަޙުމަދު މުއްރަތުގެ އިސްތިއުނާފް އެންމެފަހު މަރުޙަލާގެ އަޑުއެހުންތައް ވަނީ ސުރީމްކޯޓްގައި ފަށާފައެވެ.