ދީން

ހުކުރުކުރާ ކޮންމެ މިސްކިތެއްގައިވެސް އިޢުތިކާފާށް އިނދެވިދާނެ


މި ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިންނަން ބޭނުންވާ ކޮންމެ މީހަކަށްވެސް ހުކުރުކުރާ ކޮންމެ މިސްކިތެއް، އެކަމަށް ހުޅުއްވާލައްވާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ވަކި ހުއްދައެއް ނެގުމަކާ ނުލައި މާލެއާއި އަތޮޅުތަކުގެ ހުކުރުކުރާ ކޮންމެ މިސްކިތެއްގައިވެސް އިޢުތިކާފާށް އިނދެވިދާނެކަމަށެވެ.

އިޢުތިކާފަށް އިނުމަކީ ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ނުވަތަ ދުވަހެއްގައި ނުވަތަ ދުވަސްތަކެއްގައި މާތް ﷲ ހަނދުމަކޮށް، ޒިކުރުކޮށް، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް މުރާޖަޢާކޮށް، ދަރުމައާއި ޘަވާބަށް އެދިގެން މިސްކިތުގައި ވަކި އުޞޫލެއްގެ ތެރޭގައި މަޑުކުރާ މަޑުކުރުމެކެވެ.

img:http://s2.psmnews.mv/images/660x400/14661625376851.jpg|މީހަކު ޤުރުއާން ކިޔެވުމަށް މިސްކިތުގައި މަޑުކޮށްލައިގެން- ފޮޓޯ: ޒިންހުއާ

ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުވެ، ދީނީ ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުވަމުން އައުމާއެކު، ރާއްޖޭގައި ޚާއްޞަކޮށް ރަމަޟާންމަހުގެ ފަހުދިހައިގައި މިސްކިތްތަކުގައި އިޢުތިކާފަށް އިންނަ މީހުން އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ އެކަން ކުރާ މީހުންނަށް އުނދަގޫނުވާނެ އިޚްތިޔާރުތަކެއް ހިމެނިގެންވާ ކަމެކެވެ.

އިއުތިކާފަށް އިންނައިރު އިތުރު އެއްވެސް މުޢާމަލާތެއް ނުހިންގޭނެއެވެ. އެމީހާ އިންނަންވާނީ މިސްކިތުގައި ނަމާދުކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ދުޢާކުރުންފަދަ ކަންކަމުގައި މަސްއޫލުވެގެން ހަމައެނި ﷲ ސުބްހާނަހޫ ވަތައާލާއަށް އޭނާގެ ވަގުތު ހުސްކުރެވިގެންނެވެ. އެހެންނަމަވެސް ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ބޭނުމުގައި، މިސްކިތުން ބޭރަށް ނިކުމެ އެކަން ކޮށްލުމަކީ އޮންނަ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ އައްޝައިޚު ޢަލީ ޝަރީފް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14661625551747.jpg|މީހަކު ޤުރުއާން ކިޔެވުމަށް މިސްކިތުގައި މަޑުކޮށްލައިގެން- ފޮޓޯ: ޒިންހުއާ

އިޢުތިކާފަށް އިންނަ އިރު ބޭރަށް ނިކުމެ އުޅުމުގައި އޭނާގެ ދުލުން ބޭކާރު ވާހަކަތައް ނުދެއްކުމާއި، ބޭކާރު ކަންތަކުގައި މަސްއޫލުވެގެން ނުއުޅުން މުހިއްމެވެ. އޭގެ ހެއްކެއްގެ ގޮތުގައި އިލްމުވެރިން ވިދާޅުވަނީ، އިޢުތިކާފަށް އިންނަ މީހާއަށް ޖަނާޒާ/ކަށުނަމާދުގައިވެސް ބައިވެރި ނުވެވޭ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހުކުރުކުރާ ކޮންމެ މިސްކިތެއްގައި އިޢުތިކާފަށް އިނުމުގެ ފުރުޞަތު އޮތްނަމަވެސް، މާލޭގައި އިޢުތިފާނަށް އިންނަން ބޭނުންވާ މީހުން ރާއްޖޭގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމަށްވާ މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައި އިޢުތިކާފަށް އިނުމަށް ބާރުއަޅުއްވާކަމަށެވެ. އަދި އެކަމާބެހޭ ޢާންމު އިޢުލާނެއް ނެރުއްވަން ޤަޞްދުކުރައްވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.