ޚަބަރު

ފުރަތަމަ ލެގުގައި ޕެޕީ ކާމިޔާބުކުރި ލަނޑުން ޖެމެއިކާ އަތުން އެމެރިކާ މޮޅުވެއްޖެ


ކޮންކާކަފް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ރިކާޑޯ ޕެޕީ ވައްދާލި ލަނޑުން ޖެމެއިކާ އަތުން 0-1 އިން އެމެރިކާ މޮޅުވެ، ސެމީ ފައިނަލަށް ދިއުމާ ގާތަށް ޖެހިލައިފިއެވެ.

މިއީ އެމެރިކާގެ އައު ކޯޗު، މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ރަސްމީ ވާދަވެރި ފުރަތަމަ މެޗެވެ. އޭނާގެ ކޯޗުކަމުގައި މިދިޔަ މަހު ވާދަވެރި މެކްސިކޯއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން އެމެރިކާ ބަލިވީ 2-0 އިންނެވެ.

މި މެޗަށް ނިކުތްއިރު އެމެރިކާގެ ކޯޗު، ޕޮޗެޓީނޯ ވަނީ މިދިޔަ މަހު މެކްސިކޯ އަތުން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ހަ ބަދަލެއް ގެނެސްފައެވެ. އަދި، މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އެމެރިކާގެ ފޯވާޑް، ޓިމޮތީ ވެއާ އަށް ނުކުޅެވުނުއިރު ހުމުގެ ސަބަބުން އެ ޓީމުގެ ބްރެންޑަން އާރޮންސަން ވެސް މި މެޗުގައި ބައިވެރިނުވެއެވެ. ޖެމެއިކާ އިން މި މެޗަށް ނިކުތީ ސަސްޕެންޑްކޮށްފައިވާ އިތުބާރު ފޯވާޑް، މިޙައިލް އެންޓޯނިއޯ ނުލައެވެ.

ޖެމެއިކާގެ ކިންގްސްޓަންގައި ހުންނަ އިންޑެޕެންޑެންސް ޕާކްގައި ކުޅުނު މި މެޗު ފެށިތާ ފަސް މިނެޓުގެ ތެރޭގައި އެމެރިކާ އިން ވަނީ ލީޑްނަގައިފައެވެ. މިއީ އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއަން ޕުލިސިޗް ދިން ޕާހަކުން ޕެޕީ ކާމިޔާބުކުރި ގޯލެކެވެ. މިއީ ގައުމީ ޓީމަށް އޭނާ ކުޅުނު 32 މެޗުގައި ޖެހި 12 ވަނަ ގޯލެވެ.

މި މެޗުގައި ޖެހި ގޯލާއެކު ޕެޕީ ވަނީ އުމުރުން 22 އަހަރު ނުވަނީސް އެމެރިކާ އަށް 12 ގޯލްޖަހައިދިން ހަތަރުވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެކުރީން، މި ރެކޯޑް އޮތީ ލޭންޑަން ޑޮނަވަން އާއި ޖޯޒީ އަލްޓިޑޯރް އަދި ޕުލިސިޗް އަތުގައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ޖެމެއިކާ އަށް އެއްވަރުކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރެއިން ޖެމެއިކާގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ ޑެމާރޭ ގްރޭ ފޮނުވާލުމުން އެމެރިކާގެ ގޯލްކީޕަރު، މެޓް ޓާނާ މަތަކުރިއެވެ. މިއީ އެމެރިކާގެ ގޯލްގައި ހުރެ ޓާނާ ކުރިމަތިލި އަށް ޕެނަލްޓީގެ ތެރެއިން މަތަކުރި ތިންވަނަ ޕެނަލްޓީއެވެ.

އޭގެފަހުން، ފަހު ހާފުގައި ޖެމެއިކާގެ ކުޅުންތެރިން ފޮނުވާލި ހަމަލާއެއް އެމެރިކާގެ ޔޫނުސް މުސާ ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.

މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ޖެމެއިކާގެ ޑިފެންޑަރު، މޭސަން ހޯލްގޭޓަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ. ހޯލްގޭޓަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ އެމެރިކާގެ ބްރެންޑަން ވަޒްކޭޒް ކޮށްޕާލުމުންނެވެ. އޭގެކުރީން، މެޗުގެ 76 ވަނަ މިނެޓުގައި އެމެރިކާގެ ޖިއަންލޫކާ ބުސިއޯ އަށް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މި މުބާރާތުގެ ތަށި މިދިޔަ ތިން ފަހަރު ކާމިޔާބުކޮށްފައިވާ އެމެރިކާ އިން އެ މުބާރާތް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާއިރު، ކުއާޓާގެ ދެވަނަ ލެގުގައި މި މަހުގެ 19 ވަނަ ދުވަހު ޖެމެއިކާއާ ދެކޮޅަށް އެ ޓީމު ނިކުންނަން ހަމަޖެހިފައިވާ މެޗު ކުޅޭނީ މިސޫރީގެ ސެއިންޓް ލުއިސްގައެވެ.