ޑޮމައިންގެ ޚިދުމަތަށް އަލުން ހުޅުވާލިއިރު އެންމެ ބޮޑަށް ބަލާފައިވަނީ ޑޮމައިންގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތުގެ ރައްކާތެރިކަން ހޯދައިދިނުންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ޑޮމައިންގެ ޚިދުމަތައް އަލުން ޚުޅުވާލުމާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރުގެ ނައިބް މުޙައްމަދު ޢަވާދު އަޔާޟު ޕީއެސްއެއްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ނައިބް މުޙައްމަދު ޢަވާދު އަޔާޟު ވިދާޅުވީ ޑޮމައިންގެ ޙިދުމަތް އަލުން ފެށުމަށްޓަކައި ކުރިން މި ޚިދުމަތް ދީފައިވާގޮތް ދިރާސާ ކުރެވުންކަމަށެވެ. އެގޮތުން 1980އިން ފެށިގެން މިއަދާ ހަމައަށް އައިއިރު އެ ވުޒާރާއިން ޚިދުމަތް ދިނުމުގައި ގެންގުޅެފައިވާ އުސޫލުތަކާއި އަމަލުކޮށްފައިވާ ގޮތްތައްވެސް ބަލާފައިކަމަށް އަވާދު ވިދާޅުވިއެވެ.
އެގޮތުން ބެލި ބެލުމުން ފާހަގަވި މުހިއްމު އެއްކަމަކީ މިއަދާ ހަމައަށް އެވުޒާރާ ތެރެއިން ހަރުދަނާ އުސޫލުތަކެއް އަދި އިދާރީގޮތުންވެސް މިިކަން އެންމެ ރަނގަޅަށް ބެލިފައި ނެތުމާއި ރެކޯޑްތައް އަދާހަމަ ނުކުރެވި ހުރުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަވާދު ވިިދާޅުވީ މިއީ ރައްޔިތުން ގިނަ އަދަދެއްގެ ފައިސާ ހޭދަކޮށްގެން ހޯދާ ޚިދުމަތަކަށްވާއިރު ޚިދުމަތުގެ ރެކޯޑް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށެވެ.
"އެހެންނަމަވެސް ފާހަގަވި ކަމަކީ ރިކޯޑްތައް އަދާހަމަ ކުރެވިފައިނެތް. ކޮންމެ ހިސާބަކުންބައެއް މައުލޫމާތު ގެއްލިފައިވަނީ. އެގޮތުން މި ކަން ހައްލުރުކުރުމަށް ކުރެވުނު މަސައްކަތުން އެނގުނީ މި ކަން އަލުން ޚިދުމަތް ދިނުމަށް ފަށައިގަންނައިރު މި ކަމުގެ ޤަވައިދު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރަން ޖެހޭ. އަދި ވުޒާރާގައި މި ޚިދުމަތް ދިނުމުގައި ގެންގުޅޭ މިނގަނޑުތަކެއް އެކުލަވާލަން ޖެހޭކަން" އަވާދު ވިދާޅުވިއެވެ.
ޑޮމައިންގެ ޚިދުމަތުގައި މިހާތަނަށް ދެވިފައިހުރި ލިޔެކިޔުންތަކަކީ އެއްވެސް ސެކިއުރިޓީ ޕީޗާރއެއް ހިމެނޭ ލިޔެކިޔުންތަކެއް ނޫންކަމަށާއި އެގޮތުން ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އުނދަގޫތަކާއި ކުރިމަތިވެފައިވުމުން އަލުން ޑޮމައިން ނަންބަރަށް ހުޅުވާލިއިރު އެންމެ ބޮޑަށް ބަލާފައިވަނީ ޑޮމައިންގެ ޚިދުމަތް ބަލައިގަންނަ ފަރާއްތަކަށް ދެވޭ ޚިދުމަތުގެ ރައްކާތެރިކަން ހޯދައިދިނުމަށްކަމާށް އެވުޒާރާއިން ވިދާޅުވެއެވެ.
އައު ސެކިއުރިޓީ ފީޗަރތަކާއެކު ޑޮމައިން ނަންބަރު ތައާރަފް ކުރާއިރު މުޅިން އަލަށް އެއް ޑޮކިއުމަންޓް ތައާރަފް ކުރާނެކަމާށާއި މީގެ ކުރިން ޑޮމައިންގެ ރެޖިސްޓްރީގެ ލިޔުން ދޫކޮށްފައިވަނީ ޑޮމައިން ބޭނުންކުރުމުގެ ހުއްދައެއް ގޮތުގައި ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޑޮމައިން ނަންބަރެއް ނަގާ އެހިސާބުން އެ ވުޒާރާގެ ސެކިއުރިޓީ ފީޗާރސްތަކާއެކު އަދި އިލެކްޓްރޯނިކްކޮށް ވެރިފައި ކުރެވޭނެހެން ހަމަޖެހިފައިވާ ލިޔުމެއް އެ ފަރާތްތައް ދެވިގެން ދާނެކަމަށެވެ. އަވާދު ވިދާޅުވީ އައު ޚިދުމަތާއެކު ޑޮމައިން ނަންބަރުތައް ފޯޖްކުރުމުގެ ފުރުޞަތު ކުޑަވާނެކަމަށެވެ.