ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް ދޭވޭ ފަރުވާ ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަންތަނުގައި ދިނުމުގެ މަސައްކަތް ސިއްޙަތާބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛް އިސްމާއިލް ޒާހިރުއެވެ. ދުންފަތުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި ވޭޕް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުތަކަށް ގެނައި އިސްލާހުތަކާއެކު ފަރުވާގެ ކަންކަން އަވަސްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް ގެނައި އިސްލާހާއެކު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީވަނީ ބޮޑުކޮށްފައެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު މިއަދުން ފެށިގެން ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.
ޤާނޫނަށް ގެނައި މި އިސްލާހުތަކާއެކު ދުންފަތާ ދުރުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާނެ ކަމަށް ސިއްޙަތާބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛް އިސްމާއިލް ޒާހިރު ވިދާޅުވިއެވެ. އެހެންކަމުން އެ ފަރާތަތްކަށް ބޭނުންވާ ފަރުވާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް މިހާރު މުހިންމުވެފައިވާ ކަމަށާއި އެ މަސައްކަތް ފަށާފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
ސިއްޙަތާބެހޭ ވަޒީރުގެ ނައިބު ވިދާޅުވި ރާއްޖޭގައި ސިއްޙީ ފަރުވާދޭ ހުރިހާ ތަނެއްގައި ސެސޭޝަން ނުވަތަ ދުންފަތާ ދުރުވުމަށް ބޭނުންވާ ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ސިއްޙީ ޚިދުމަތްދޭ ފަރާތްތައް އެ ފަރުވާ ފޯރުކޮށްދިނުމަށް ތަމްރީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އާސަންދަ މެދުވެރިކޮށް ސެސޭޝަނަށް ބޭނުންކުރާ ބައެއް ބާވަތްތައް އަޅުގަނޑުމެން މި ފޯރުކޮށްދެނީ. އެހެންވީމަ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި އެއްޗެހި އެވެއިލަބަލް ކުރުން އެއީ އަޅުގަނޑުމެން މިހާރު ކުރަމުންމިދާ ކަމަކީ. އިރާދަކުރެއްވިއްޔާ 15 ޑިސެމްބަރު އަންނައިރަށް އަޅުގަނޑުމެން މި އިންތިޒާމްތައް ހަމަޖައްސާނަން،" ސިއްޙަތާބެހޭ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ވޭޕާއި އީ-ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުން މަނާއިރު އަންނަ މަހުގެ 15ވަނަ ދުވަހުގެ ފަހުން އެތަކެތި ވިއްކުމާއި ބޭނުންކުރުންވެސް މަނާވާނެއެވެ. އެތަކެއްޗަކީވެސް ނިކޮޓިން ހިމެނޭ ތަކެއްޗަށްވުމުން ދުރުވާން އުނދަގޫވާނެ ކަމަށާއި އެފަރާތްތަކަށް ކައުންސިލިންނާއި ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ފަސޭހައިން ލިބޭނެ ގޮތް ހަމަޖެހިގެންދާންޖެހޭ ކަމަށް އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ހަސަން މުޙައްމަދުވެސް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ފަރުވާގެ އިތުރުން ޤާނޫނުތަކަށް ގެނައި އިސްލާހުތައް ތަންފީޒުކުރުމަށްވެސް އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ވޭޕް މަނާކުރިނަމަވެސް ތަންފީޒީ ކަންކަން ރަނގަޅަށް ނުގެންދަންޏާ ޤާނޫނުގައި ކުރަހާލި ރޮނގަކަށް އޭތި އޮންނާނީ. އަޅުގަނޑުމެން ސިއްޙީ ދާއިރާއިން ކުރާކަމަކީ މިއާބެހޭ ގޮތުން ރަނގަޅުމައުލޫމާތު ދިނުމާއި ދުރުހެލިވުމަށް އެހީތެރިވުން. އެހެންނަމަވެސް ތަންފީޒު ކުރުމަކީ ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެން ނޫނީ ނުކުރެވޭނެ ކަމެއް. އެއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބުރަ އެންމެ މުހިންމު މަސައްކަތަކީ"
ޤާނޫނަށް ގެނައި އިސްލާހުގައި އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން ވޭޕް ބޭނުންކުރާ މީހުންނާއި ވިއްކާ މީހުންނަށް ދެވޭނެ އަދަބުތައްވެސް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިއަދަބުތަކަކީ ދައުލަތަށް ފައިދާ ހޯދުމުގެ ބަދަލުގައި ދުންފަތާ އާންމުން ދުރުކުރުވުމަށް ކަނޑައެޅިފައިވާ އަދަބެއް ކަމަށާއި ތަންފީޒީ އޮނިގަނޑު ހަރުދަނާވެގެންދާނެކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.