ޔޫއެފާ ނޭޝަންސް ލީގުގައި ގްރީސް އާއި ދެކޮޅަށް ރޭ އިންގްލޭންޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އިންގްލޭންޑް އިން ކާމިޔާބުކޮށްފި އެވެ.
އެތެންސް ގައި ކުޅުނު މި މެޗަށް އިންގްލޭންޑްއިން ކާމިޔާބު ކުރުމާއެކު ނޭޝަންސް ލީގުގެ އޭ ކެޓަގަރީއަށް އެ ޓީމު ކޮލިފައިވާނެ އެވެ. އަދި ލީގު ބީގެ ގްރޫޕު ދޭއްގައި މިހާތަނަށް ފަސް މެޗު ކުޅުނުއިރު އިންގްލޭންޑް ވަނީ 12 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ފަސް މެޗުން ގްރީސް ވެސް 12 ޕޮއިންޓް ހޯދާފައިވާއިރު އިންގްލޭންޑަށް އެއްވަނަ ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މިދިޔަ އޮކްޓޯބަރ މަހު ވެމްބްލީ ސްޓޭޑިއަމްގައި ގްރީސް އާއި ދެކޮޅަށް އިންގްލޭންޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް ބަލިވެފައިވާއިރު ރޭ ގްރީސްގައި ކުޅުނު މެޗުގެ 7 ވަނަ މިނިޓުގައި އިންގްލޭންޑްގެ އޮލީ ވޮޓްކިންސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ގްރީސްއިން މި މެޗުގައި ރަގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައިވީ ނަމަވެސް އިންގްލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.
މި މެޗުގައި އިންގްލޭންޑް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 77 ވަނަ މިނިޓުގައި ވްލަޗޮޑިމޮސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗަށް ނެގި އިންގްލޭންޑްގެ ސްކޮޑުން ނުވަ ކުޅުންތެރިއަކު ވަކިވެފައިވާއިރު ޒުވާން ގިނަ ކުޅުންތެރިންނަށް ވަގުތީ ކޯޗު ކާސްލީ ވަނީ މި ފަހަރު ފުރުސަތު ދީފަ އެވެ. އެ ގޮތުން މި މެޗުގައިވެސް އޭނާ ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.
އިންގްލޭންޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލިވަޕޫލްގެ ކާޓިސް ޖޯންސް އެވެ. މިއީ އޭނާ އިނގްލޭންޑްގެ ގައުމީ ޓީމަށް އަލަށް ކުޅުނު މެޗެވެ.