ޚަބަރު

ފީފާ ކްލަބް ވޯލްޑް ކަޕްގެ ޓްރޮފީ ދައްކާލައިފި


ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާއިން ބާއްވާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓްރޮފީ ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

ސްވިޒަލޭންޑްގެ ޒިއުރިކްގައި ފީފާއިން އިއްޔެ ކްލަބް ވޯލްޑް ކަޕްގެ ޓްރޮފީ ދައްކާލާފައިވާއިރު, މި ޓްރޮފީ ހަދާފައިވަނީ ލަގްޒަރީ ޖުވެލަރީ ހެދުމަށް މަޝްހޫރު ޓިފަނީ އެންޑް ކޯ އިންނެވެ.

ފުޓްބޯޅައިގެ މުއްސަދި ތާރީޚުތައް ރަމްޒުވާ ގޮތަށް ރަނުން ހަދާފައިވާ ބޮޅުތަކެއް ވަށައިގެން އެނބުރޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ޓްރޮފީގައި ފީފާގެ މެމްބަރު 211 އެސޯސިއޭޝަނުގެ ނަން ވަނީ ހިމަނާފަ އެވެ. އަދި ޖުމްލަ 13 ބަހަކުން މި ޓްރޮފީގައި ވަނީ ލިޔެފަ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ޖުމްލަ 32 ކްލަބު ވާދަކުރާނެ އެވެ. އެމެރިކާގެ 11 ސިޓީއެއްގެ 12 ސްޓޭޑިއަމްގައި މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. އަދި މި މުބާރާތް ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފައިވަނީ މިއީ އޭގެ ޒާތުގައި ވަރަށްވެސް ބޮޑު އަދި ތާރީޚީ މުބާރާތެއް ކަމަށާއި މި މުބާރާތުގެ ގުރުއަތުލުން އަންނަ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހު އެމެރިކާގެ މަޔާމީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ފީފާ އިން އަލަށް ބާއްވާ މި މުބާރާތުގެ ޓްރޮފީ ދައްކާލުމަށް އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި އަށްޑިހަ ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިންފަންޓީނޯ ވަނީ ބުނެފަ އެވެ.

އަދި މި މުބާރާތުގެ ސަބަބުން ކްލަބް ފުޓްބޯޅައަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށްވެސް އިންފަންޓީނޯ ވަނީ ބުނެފަ އެވެ.