ޚަބަރު

"911" ޚިދުމަތާއެކު ހުރިހާ އިދާރާތަކެއް ގުޅާލެވި، ކުއްލި ހާލަތްތަކުގައި އިޖާބަދިނުން އަވަސްވާނެ: ދާޚިލީ ވަޒީރު


  • އެމްބިއުލާންސް، ޕޮލިސް އަދި އެމްއެންޑީއެފްގެ ޚިދުމަތަށް މި ނަމްބަރުން ގުޅޭނެ

ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް އެއް ނަންބަރަކުން ގުޅޭނެ ނިޒާމެއް ތައާރަފްކުރެވިގެންދިއުމާއެކު ކުރިން ދިމާވާ މައްސަލަތައް ހައްލުވެ، ހިދުމަތް އަވަސްވެގެންދާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ހިމެން ވިދާޅުވީ ކުއްލި ޙާލަތްތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް އެއް ނަންބަރަކުން ގުޅޭގޮތް ހަމަޖެއްސުމަށްޓަކައި ތައާރަފްކުރި އެމަޖެންސީ ސަރވިސް ހޮޓްލައިން "911" އިފްތިތާޚުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ، ކުއްލި ހާލަތްތަކުގައި އިޖާބަދިނުން އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން ތަޢާރަފުކުރި އެމަޖެންސީ ސަރވިސް "911"އަކީ އެކަމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި ޚިދުމަތުގެ ތެރެއިން އެމްބިއުލާންސް، ފުލުހުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އަދި ކޯސްޓްގަރޑްގެ ޚިދުމަތް ގުޅާލާފައިވާކަމަށެވެ. އަދި މި ޚިދުމަތް ބަލަހައްޓާނީ ފުލުހުންގެ ޚިދުމަތުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެމަޖެންސީ ސަރވިސްގެ ނަންބަރަށް ހުށައަޅާ މައްސަލަތައް ކަމާގުޅުންހުރި ހުރިހާ އިދާރާތަކަށް ވަގުތުން އެ މަޢުލޫމާތު ފޯރުކޮށްދެވޭކަމަށެވެ. އަދި އެންމެ ނަންބަރަކަށް ގުޅާ މަޢުލޫމާތު ދިނުމުން، ދެން ހިމެނޭ ހުރިހާ އިދާރާތަކަށްވެސް އެ މަޢުލޫމާތު ފޯރުކޮށްދެވޭނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޙާލަތެއް ދިމާވުމުން ގުޅަންވީ ނަންބަރު ރައްޔިތުންނަށް ނޭނގުމާއި އަދި ވަކި ޚާއްސަ ޙާލަތްތަކާއި ގުޅިގެން ގުޅަންޖެހޭ އިދާރާވެސް ނޭނގޭ ޙާލަތު ވަރަށް ގިނައިން ކުރިމަތިވާކަމަށެވެ. އަދި އެ ހުރިހާ މައްސަލަތަކަށް، މި ޚިދުމަތުގެ ސަބަބުން ޙައްލު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކަމެއް ހިނގީމަ ގިނަފަހަރަށް އެއް ޚިދުމަތަކަށް މި ގުޅަނީ. އެކަމަކު އެތަނެއް ވެދާނެ އެމަޖެންސީ ގިނަ ޚިދުމަތްތަކެއް ދާންޖެހޭ ޙާލަތެއް އޮތް ތަނަކަށް. އެކަމަށް މި ޙައްލު ލިބެނީ. ހުރިހާ ޚިދުމަތަކަށް އެއްފަހަރާ މަޢުލޫމާތު އެބަ ފޯރުކޮށްދެވޭ. އެހެންވީމަ އެ ޙާދިސާއަކަށް އިޖާބަދޭ ވަގުތު ވަރަށް ބޮޑަށް އެބަ އަވަސްކުރެވޭ." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެމަޖެންސީ ސަރވިސްގެ ނަންބަރުގެ ގޮތުގައި "911" ކަނޑައެޅީ، މިއީ ޒުވާނުންނާއި އާއްމުންގެ ތެރޭގައިވެސް މީހުންނަށް އެނގޭ ދަންނަ ނަންނަބަރަކަށްވުމާއި ފަސޭހައިން ޕްރޮމޯޓް ކުރެވޭނެ ނަންބަރަކަށްވާތީކަމަމަށެވެ.

ވަޒީރު ވިދާޅުވީ މި ޚިދުމަށް ކުރިމަގުގައި އިތުރަށް ފުޅާކުރާނެކަމަށާއި އެގޮތުން އަތޮޅުތަކުގައިވެސް ކުއްލި ޙާލަތުގައި އިޖާބަދޭ މިންވަރު އިތުރުކުރައްވާނެކަމަށެވެ.

"ކޮމިއުނިކޭޝަން ސިސްޓަމްތައް ޒަމާނީ ކުރާނަން. މެޕްކުރުމާއި އަދި ސީންއަށް އެމެންޖެންސީ ޚިދުމަތް ފޮނުވުމުގައިވެސް އިޖާބަދޭ ވަގުތު އަވަސްކުރާނަން. އަދި މުވައްޒަފުންގެ ކެޕޭސިޓީވެސް އިތުރުކުރާނަން." ދާޚިލީ ސަލާމަތާ ފަނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވަނީ އާއްމުންނާއި ގުޅިފައިވާ މިފަދަ މުހިންމު ޚިދުމަތެއް، ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން އެންމެ ބޭނުންޖެހިފައިވާ ޙާލަތުގައި ޚިދުމަތަށް ބުރޫއެރުމަކީ ކުރިމަތިވެދާނެ ޙާލަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.