ޚަބަރު

ބަންގްލަދޭޝް އަތުން މޮޅުވި މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފު ހައްގު: ސުޒެއިން


ބަންގްލަދޭޝް އަތުން ހޯދި މޮޅަކީ ދިވެހި ފުޓުބޯޅައިގައި ތާރީހީ މޮޅެއް ކަމަށާއި އަހަރަކަށްފަހު އިންޓަނޭޝަނަލް މެޗަކަށް ނުކުމެ ދިވެހި ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފު ހައްގުކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ރަހުމަތްތެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ 1-0 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ. އެންމެ ފަހުން ރާއްޖެއިން ރަހުމަތްތެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ސުޒެއިން ވަނީ ދިވެހި ފުޓުބޯޅައަށް މަރުހަބާ ކިޔާފައެވެ. އަދި މިއީ 45 އަހަރުތެރޭ ޑާކާގައި އިންޓަނޭޝަނަލް ފުޓުބޯޅަ މެޗަކުން މޮޅުވި ފުރަތަމަ ފަހަރު ކަމަށާއި މިިދިޔަ ތިނެއް ނޫނީ ހަތަރު އަހަރަށް ބަލާނަމަ ރާއްޖެ އާއި ބަންގްލަދޭޝް އަކީ އެއް ފެންވަރެއްގައި އުޅުނު ޓީމުތަކެކޭ ބުނެވިދާނެ ކަމަށެވެ. އަދި ބަންގްލަދޭޝްގެ މިހާރުގެ ކޯޗު ހަވިއޭ ކަބްރޭރާގެ މޭސްތިރިކަމުގެ ދަށުން އެ ޓީމުން ބޮޑެތި ކުރިއެރުންތަކެއް ހޯދިކަން ސުޒެއިން ވަނީ ފާހަގަކޮށްފައެވެ.

ކޯޗު ބުނީ ރާއްޖެއާއި ދެކޮޅަށް ބަންގްލަދޭޝް މޮޅު ކުޅުމެއް ދެއްކި ކަމަށާއި އެ ގައުމުގެ ފުޓުބޯޅަ ވަރަށް ބޮޑުތަނުން ކުރިއަރާފައިވާ ކަމަށެވެ. އަދި މި މެޗުގައި ކުޅުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންގެ ރަނގަޅު ލެވެލްއަކަށް ގެނެސްފައިވާތީ އެ ޓީމުގެ ކޯޗު ޑްރަގަން ޑުކަނޮވިޗަށް ޝުކުރު އަދާކޮށްފައެވެ.

ގައުމީ ޓީމުގައި ހިމެނުނު އެހެން ކުޅުންތެރިން ރަށްރަށުގެ ކުޑަ މުބާރާތްތަކުގައި ކުޅެފައި އައިސް ތިބީ، އެންމެ މެޗު ފިޓްނަސް ރަނގަޅު ލެވަލެއްގައި ނޫން ކަމުގައި ވިޔަސް، ޖުމްލަކޮށް މިދިޔަ 10 ދުވަހާއި މި މެޗުގައި ހުރިހާ ކުޅުންތެރިން ކުރި މަސައްކަތް ސުޒޭން ވަނީ ފާހަގަކޮށްފައެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަޝުންދަރާ އެރީނާގައި އިއްޔެ ކުޅުނު މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ބަންގްލަދޭޝްގައި ކުޅެގެން އެ ޓީމު އަތުން ރާއްޖޭން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބަންގްލަދޭޝްގައި ރާއްޖެއިިން ކުޅުނު ފަސް ފަހަރުވެސް ވަނީ ބަލިވެފައެވެ. އަދި މިއީ ބަންގްލަދޭޝާ ދެކޮޅަަށް ކުުޅުނު 19 މެޗުގެ ތެރެއިން ރާއްޖެ މޮޅުވި ހަތްވަނަ މެޗެވެ.

ބަންގްލަދޭޝް ބަލިކުރި މެޗުގައި ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން)ގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ވަނީ ތައުރީފުކޮށްފައެވެ. އަދި މި މެޗުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ފާހަގަވެގެންދިޔަ ކަމަށް ކޯޗު ބުންޏެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ ދެ ވަނަ މެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރުއެވެ.