ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން ކަނޑައަޅާ މިސްކިތްތަކަށް 2 އިމާމުން އައްޔަންކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށްޓަވައިފިއެވެ.
މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު 2 އިމާމުން ތިބެނީ ކިންގް ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އެކަނި ކަމަށެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން މާލޭގައި ހުންނަ ފުރުޤާން މިސްކިތާއި ހުޅުމާލޭގައި ހުންނަ އާލް ސާނީ މިސްކިތުގައި 2 އިމާމުން ތިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަތޮޅުތަކުގައި ހުރި އިސްލާމީ މަރުކަޒުތަކަށްވެސް ޢިލްމުވެރި ދެ އިމާމުން އައްޔަންކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހިލޭސާބަހަށް ކީރިތި ޤުރުއާން ކިޔަވައިދިނުމަށް މަގު ފަހިކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ވިލިމާލޭގައި ހުޅުވާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގައި ހިލޭ ކީރިތި ޤުރުޢާން ކިޔަވަން ދަސްކޮށްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި މިއަދު ހުޅުވޭނެ ކަމަށެވެ. މިތަން ހަދާފައި ހުންނަނީ ހުޅުމާލެ އަލް ބިއްރު މިސްކިތުގައެވެ. މިތަން ތަރައްޤީކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ގުޅިގެންނެވެ.
މިއަހަރުގެ ސެޕްޓެންބަރުމަހުގެ 21 ވަނަ ދުވަހު ކުރިއަށްދިޔަ އިމާމުންގެ މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ އަތޮޅުތަކުގައި ހުންނަ އިސްލާމީ މަރުކަޒުތަކަށް 2 އިމާމުން އައްޔަންކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ބަންގި ގޮވާއި މީހަކާއި ޢިލްމީ، ޑިގްރީ ހަދާފައިވާ އިމާމެއް އައްޔަންކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.