ޚަބަރު

ބައިޑަނާއި ޓްރަމްޕްގެ ބައްދަލުވުން، ޔޫކްރެއިނާއި މެދުއިރުމައްޗާ ގުޅޭ މުހިންމު މަޝްވަރާތަކެއް


އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވައި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. ދެ ބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައެވެ. މިއީ، ބްއިޑަންގެ ދަޢުވަތަކަށް ބާއްވާފައިވާ ބައްދަލުވުމެކެވެ.

ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު ޓްރަމްޕ،ް ކާމިޔާބު ކުރައްވާފައި ވަނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު، އަދި ބައިޑަންގެ ނައިބު ރައީސާ ކަމަލާ ހެރިސާ ވާދަކުރައްވައެވެ. ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ހޯއްދެވި ކާމިޔާބީއާ އެކު، ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ މަތިގެ، ސެނެޓުގެ އިންތިޚާބުގައި ވެސް ކުރި ހޯދާފައި ވަނީ އޭނާގެ ރިޕަބްލިކަން ޕާޓީންނެވެ. އަދި، ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ވެސް ގިނަ ދާއިރާތަކުން ކާމިޔާބީ ހޯދާފައި ވަނީ ޓްރަމްޕްގެ ޕާޓީންނެވެ.

"ދެ ބޭފުޅުން ވަނީ ދާޚިލީ އަދި ބައިނަލްއަޤުވާމީ މައިދާނާއި، އެމެރިކާއާއި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި،" ވައިޓް ހައުސްގެ ތަރުޖަމާނު ކަރިން ޜޮން-ޕިޔޭ ވިދާޅުވިއެވެ. އަދި، ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ ވަރަށް އަމާންކަމާއި އޮމާންކަމާ އެކުގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އެހީތެރިކަން މެދުކަނޑައިނުލުމަށް އެ ބައްދަލުވުމުގައި ބައިޑަން ވަނީ ޓްރަމްޕްގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ޓްރަމްޕަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. އަދި، އެތަކެއް ބިލިޔަން ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ޔޫކްރެއިނަށް ފޯރުކޮށްދިނުމާ ދެކޮޅު ބޭފުޅެކެވެ.

ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ، ޔޫކްރެއިނަށް ތާޢީދުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާގެ ސަލާމަތާއި ރައްކާތެރި ކަން ދެމެހެއްޓުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ބައިޑަން ޓްރަމްޕްގެ އަރިހުގައި ވިދާޅުވެފައިވާ ކަމުގައެވެ. އަދި، ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަކީ ވިލާތުގެ ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ފިޔަވަޅެއް ކަމަށާއި، ހަނގުރާމައިގެ ހާލަތަކަށް އެމެރިކާ ވެއްޓުނަ ނުދިނުމަށް އެއީ މުހިންމު ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭންގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެެސް، އެ ކަން ކުރައްވާނެ ގޮތް ސާފުކޮށްދެއްވާފައެއް ނުވެއެވެ. ޓްރަމްޕް ޤަބޫލު ކުރައްވާ ގޮތުގައި، މި ވަގުތު ހަނގުރާމަ ނިމުމަކަށް ގެނެވެނޭ ގޮތަކީ، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތައް ރަޝިޔާއަށް ދޫކޮށްލުމެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެ ކަމަށް އިންކާރު ކުރައްވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ނިއު ޔޯކް ޕޯސްޓަށް ދެއްްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ބައިޑަނާ އެކު ބޭއްވެވި ބައްދަލުވުމުގައި މެދުއިރުމަތީގެ މައްސަލައާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާނެ ކަމުގައެވެ. "އަޅުގަނޑު ބޭނުންވީ އެ ކަމުގައި އޭނާ [ބައިޑަން] ގެންގުޅުއްވާ ތަސައްވުރު ސާފު ކުރަން،" ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ ވެރިކަމުގައި މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާ ކުރުމަށް ޔަހޫދީންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، އެ ޢުދުވާންތަކަށް ޓްރަމްޕްގެ ރުހުމާއި ތާޢީދުގެ އިތުރުން އެއްބާރުލުން ލިބިގެންދާނެ ކަމުގައި ވެސް އެ ފަރާތްތަކުން ދެކެެއެވެ.

ބައިޑަނާއި ޓްރަމްޕްގެ ބައްދަލުވުމުގައި 2025 ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕްގެ އައު ސަރުކާރާ ވެރިކަން ބަދަލު ކުުރުމުގެ ކަންކަން އޮމާންކަމާއި ސުލްޙަވެރިކަމާ އެކު ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. "އޮމާންކަމާ އެކު ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން، އެ ކަމަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް އަޅުގަނޑުގެ ފަރާތުން ލިބޭނެ،" ބައިޑަން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ކާމިޔާބީ ލިބިވަޑައިގަތުމާ އެކު ބައިޑަން ވަނީ ވައިޓް ހައުސްގައި ބައްދަލު ކުރެއްވުމުގެ ދަޢުވަތު ޓްރަމްޕަށް އަރުވާފައެވެ. ނަމަވެސް، 2020ވަނަ އަހަރުގެ އިންތިޚާބުގައި ބައިޑަން ކުރި ހޯއްދެވުމުން، އެއިރު ވެރިކަމުގައި ހުންނެވި ޓްރަމްޕް ބައިޑަނަށް އެ ފަދަ ދަޢުވަތެއް އަރުވާފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި، އިންތިޚާބުގެ ނާތީޖާ ޤަބޫލު ކުރުމަށް ވެސް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ. ޓްރަމްޕްގެ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން، އިންތިޚާބުގެ ނަތީޖާ ފާސް ކުރަން ބޭއްވި ޖަލްސާއަށް ހުރަސް އެޅުމަށް އޭނާއަށް ތާޢީދު ކުރާ ޢާންމުން މަސައްކަތްކޮށް، ކްންގްރެސަށް ނުރައްކާތެރި ޙަމަލާތަކެއް ވެސް ދިނެވެ.