ޚަބަރު

ރެފުރީ ކޫޓްގެ އިތުރު މައްސަލަތަކެއް ބަލާތީ ޔުއެފާއިން އޭނާ ސަސްޕެންޑްކޮށްފި


އިނގިރޭސިވިލާތުގެ ރެފުރީ ޑޭވިޑް ކޫޓް ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލް އާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕްއަށް އަމާޒުކޮށް ބަދުބަސްތަކެއް ބުނާ ވީޑިއޯގެ މައްސަލައިގައި އިނގިރޭސި އެފްއޭއިން ސަސްޕެންޑް ކޮށްފައިވަނިކޮށް އޭނާގެ އިތުރު މައްސަލަތަކަކާއި ގުޅިގެން ޔުއެފާއިންވެސް ކޫޓް ސަސްޕެންޑްކޮށްފިއެވެ.

އުމުރުން 42 އަހަރުގެ ކޫޓް 2020 ވަނަ އަހަރު ލިވަޕޫލް އާއި ބާންލީ ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކްލޮޕް ވަނީ ރެފްރީ ކޫޓަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އެކަމާއި ގުޅޭގޮތުން ކޫޓު ލިވަޕޫލް އާއި ކްލޮޕްއަށް އޮތް ނަފުރަތު ހާމަވާ ގޮތަށް ދައްކާފައިވާ ވާހަކަ ތަކާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގެ ރެފްރީންގެ ކަންތައް ބަލާ ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ކޫޓް ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

އަދި ޔޫއެފާއިން އޭނާގެ ނަން އުނިކޮށްފައިވަނިކޮށް މި އަހަރު ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ކޫޓް މަސްތުވާތަކެތި ބޭނުންކުރާ ފޮޓޯތަކެއް އިއްޔެވަނީ މީޑިޔާގައި ދައުރުވާން ފަށާފަ އެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗު އޮފިޝަލެއްގެ ގޮތުގައި ކޫޓް ވަނީ މަސައްކަތް ކޮށްފަ އެވެ.

އަލަށް ދައުރުވާން ފެށި ފޮޓޯ ތަކާއި ގުޅޭ ގޮތުން ޕީޖީއެމްއޯއެލް އިން ބުނެފައިވަނީ ކޫޓް ހުރީ ސަސްޕެންޝަނުގައި ކަމަށާއި އަދި އޭނާއާއި ގުޅޭ ގޮތުން ދައުރުވާ ވީޑިއޯ އާއި ފޮޓޯ ތަކުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މައްސަލައާއި ގުޅޭ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު އެއްވެސް ވާހަކައެއް މިވަގުތު ދައްކަން ބޭނުން ނުވާ ކަމަށްވެސް އެ ފަރާތުންވަނީ ބުނެފަ އެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި މި ހަފްތާގައި ކުޅޭ މެޗުތަކުގައި ރެފްރީކަން ކުރުމަށް ޔުއެފާއިން ކުރިން ކޫޓް ހަމަޖައްސާފައިވީ ނަމަވެސް އޭނާގެ ސަސްޕެންޝަނާއިއެކު ވަނީ އޭނާގެ ނަން އުނިކޮށްފަ އެވެ.

ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން ލީގުގެ މެޗުތައް ރެފްރީކަން ކުރާ ފަރާތްތަކުން އެ ރެފްރީން ސަޕޯޓް ކުރާ ޓީމުތައް އަންގާ ރިޕޯޓް ކުރަން ޖެހެއެވެ. އަދި ކޫޓޭ އަންގާފައިވާ ގޮތުގައި އޭނާއަކީ ނޮޓްސް ކައުންޓީގެ ސަޕޯޓަރެކެވެ. އެހެންކަމުން އޭނާއަށް ކޮޓްސް ކައުންޓީ އާއި ނޮޓީންހަމް ފޮރެސްޓްގެ އެއްވެސް މެޗެއްގައި ރެފްރީ ކަމެއް ނުކުރެވޭނެ އެވެ.