ޚަބަރު

"1962 ތެނަދޫ"ގެ ސްކްރިޕްޓް ބެލުމަށްފަހު ހުއްދަދޭނަން- މިނިސްޓްރީ


"1962 ތެނަދޫ" މި ނަމުގައި ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ދިވެހި ފިލްމުގެ މަސައްކަތް، ހޯމް އެފެއަރޒް މިނިސްޓްރީގެ އިރުޝާދުގެ ދަށުންވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ފިލްމް ހެދުން ހުއްޓުވީ ޤައުމީ މަސްލަޙަތައް ވިސްނާވަޑައިގެންފައިކަމަށެވެ. މި ފިލްމަކީ ތިނަދޫން މީހުން ބޭލި ކަންތައްތަކާ އަދި ދެވަނަ ފަހަރަށް މީހުން އާބާދުވީގޮތް ދައްކުވައިދޭ ގޮތަށް ތައްޔާރުކުރާ ފިލްމެކެވެ.

މި ފިލްމް އުފައްދަން ނިންމާފައިވަނީ ތިނަދޫގައި މީހުން ދެވަނަ ފަހަރަށް އާބާދުވިތާ ފަންސާސް އަހަރު ފުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި ކޮމެޓީންނެވެ. ފިލްމުގެ ޑައިރެކްޓަރ ޢަބްދުލް ފައްތާޙް ބުނީ ފިލްމްގެ މަސައްކަތް މިހާރު ކުރެވިފައިވަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނެގުމަށްފަހު އޮންނަ އުޞޫލުންކަމުގައެވެ. ނަމަވެސް ހޯމް މިނިސްޓްރީން ފިލްމްގެ މަސައްކަތް ހުއްޓާލުމަށް އެންގެވުމުން މިހާރު ފިލްމްގެ އެއްވެސް މަސައްކަތެއް ނުކުރާކަމަށް ފައްތާހު ބުންޏެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މި ފިލްމްގެ ސްކްރިޕްޓް ހޯމް މިނިސްޓްރިއާ ޙިއްޞާކުރެއްވުމަށް ގދ. ތިނަދޫ ކައުންސިލަށް އަންގަވާފައިވާނެކަމަށެވެ. ނަމަވެސް މިހާތަނަށްވެސް ފިލްމްގެ ސްކްރިޕްޓް ހޯމް މިނިސްޓްރީއާ ޙިއްޞާކުރައްވާފައި ނުވާކަމަށާއި ފިލްމްގެ ސްކްރިޕްޓް ހޯމް މިނިސްޓްރީއާ ޙިއްޞާކުރުމުން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ފިލްމްގެ މަސައްކަތް ކުރުމުގެ ހުއްދަ ދެއްވާނެކަމަށެވެ. މި ފިލްމްގެ ޑައިރެކްޓަރ ޢަބްދުލް ފައްތާޙް ބުނީ އެ ފިލްމް އޭނާ އުފައްދަނީ ތިނަދޫ ކައުންސިލާއެކު ހެދިފައިވާ އެގްރިމެންޓެއްގެ ދަށުންކަމަށް. ދެން ފިލްމްގެ މަސައްކަތް ފަށްޓަވާނީ ހޯމް މިނިސްޓްރީން ހުއްދަ ދެއްވުމުންކަމަށް ފައްތާޙް ބުންޏެވެ.

މި ފިލްމްގެ ސްކްރިޕްޓް ހޯމް މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ކައުންސިލުން ތައްޔާރަށް އޮތްކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ހޯމް މިނިސްޓްރީއާ ވާހަކަދައްކަވައިގެން ފިލްމް ހެދެމަށް މިހާރު މަސައްކަތްތައް ކުރަމުން އަންނަކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވިއެވެ.