ޚަބަރު

ބޮޑު ކުރިއެރުމަކާއެކު ފަތުރުވެރިންގެ އަދަދު 1.7 މިލިޔަނަށް


  • 11 ދުވަސްތެރޭ ރާއްޖެއަށް 63،397 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައި

  • މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު %9.9 އިތުރު އަދަދެއް

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،763 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވޭ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 1.7 މިލިޔަން ފަތުރުވެރިންވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.5 މިލިޔަން ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ 11 ދުވަސްތެރޭ 63،397 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.9 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް

* ޗައިނާ : 243،628 ފަތުރުވެރިން
* ރަޝިއާ : 193،197 ފަތުރުވެރިން
* އިނގިރޭސިވިލާތް : 149،478 ފަތުރުވެރިން
* ޖަރުމަންވިލާތް : 132،674 ފަތުރުވެރިން
* އިޓަލީވިލާތް : 117،942 ފަތުރުވެރިން
* އިންޑިއާ : 105،470 ފަތުރުވެރިން

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މި އަމާޒު ހާސިލްކުރަން ދެން ބޭނުންވަނީ 271،955 ފަތުރުވެރިންނެވެ. އަދި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،763 ފަތުރުވެރިން ރާއްޖެއަށް އަންނަ އިރު ޑިސެމްބަރުމަހުގެތެރޭގައި މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.