ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ބޭނުންވާ އަސްކަރީ އެހީތެރިކަން މެދުކަނޑައިނުލުމަށް އެމެރިކާގެ ޚާރިޖީ ވަަޒީރު އެންތަނީ ބްލިންކަން ނިންމަވައިފިއެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސުން މި ކަން ހާމަކޮށްފައި ވަނީ، ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާ ޙަވާލާދީއެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި މީގެ 13 މަސް ކުރިންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 43,000އަށް އުފުލިފައިވާއިރު، ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ވެސް ލާއިންސާނީ ޖަރީމާތަކެއް ފަށާފައެވެ. އަދި، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ. މި ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.
ޣައްޒާ ޢުދުވާނުގެ ދަށުން ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން ވެސް ހުއްޓުވާފައެވެ. އަދި، ޖަރީމާތަކުގައި ޒަޚަމު ކުރަމުންދާ އެތަކެއް ހާސް މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި ބޭސްފަރުވާގެ ސާމާނު އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން ޣައްޒާގެ 2.3 މިލިޔަން މީހުުންގެ އާބާދީއަށް ވަނީ ކާބޯތަކެތި ހޯދުމަށް ހުރަސްއެޅިފައެވެ. އަދި، އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ހައިހޫނުގައި ޖެހިފައެވެ.
އޮކްޓޫބަރު 13ވަނަ ދުވަހު ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޮނުވި ސިޓީއެއްގައި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ގޮވައިލިއެވެ. އަދި، 30 ދުވަހުގެ ތެރޭގައި އެ ގޮތަށް އަމަލު ނުކޮށްފި ނަމަ، ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދާ ސިޔާސަތުތަކަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ދިނެވެ. ނަމަވެެސް، އެމެރިކާގެ އަމުރަށް ޔަހޫދީން ތަބާވެފައެއް ނެތެވެ. އަދި، އެމެރިކާއިން މި ވަނީ، ޣައްޒާއަށް އެހީ ވައްދަން ޔަހޫދީން ހުރަސް އެޅި ނަމަވެސް، މެދުކެނޑުމެއް ނެތި ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެެވެ.
ޣައްޒާއަށް އިތުރު އެހީ ވެއްދުމަށް އެމެރިކާއިން ޔަހޫދީންނަށް ދީފައިވާ މުހުލަތު މި ވަނީ ހަމަވެފައެވެ. އަދި، ޣައްޒާގެ އުތުރުގައި ބަންދު ކޮށްލާފައިވާ އެތަކެއް ހާސް ބަޔަކު ހައިހޫނުގައި ޖެހެމުންދާ ކަމުގެ އިންޒާރު އދން ވަނީ ދީފައެވެ. ނަމަވެސް، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އަދަބު ނުދޭން ބައިޑަންގެ ސަރުކާރުން މި ވަނީ ނިންމާފައެވެ.
އިންސާނީ އެހީއަށް ހުރަސް އަޅާ ބޭރު ޤައުމަކަށް އެއްވެސް ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާގެ ޤާނޫނުތަކުން މަނާ ކުރާ ކަމެކެވެ. "އެމެރިކާގެ ޤާނޫނުތަކާ ޚިލާފު އެއްވެސް އަމަލެއް އިސްރާއީލުން ހިންގަމުންދާ ކަން، އަޅުގަނޑުމެން މި ވަގުތު ހަދާފައިވާ އެއްވެސް އެސެސްމެންޓަކަށް ފާހަގަ ކުރެވިފައެއް ނެތް،" އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާންތު ޕަޓޭލް ވިދާޅުވިއެވެ. އަދި، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ޔަހޫދީން ދެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެެސް، މިއީ ކަނޑައެޅިގެން ބޮޑު އޮޅުވައިލުމެއް ކަން އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ހާމަކުރިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަނާއި ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ސޮއި ކުރައްވައި ޔަހޫދީންނަށް ފޮނުވާފައިވާ ސިޓީގެ ތަފުސީލުތައް ހާމަ ކުރުމަށާއި، އޭގައިވާ ޝަރުޠުތަކާ ޔަހޫދީން ޚިލާފުވަމުންދާ ކަން ސާފުކޮށް ބުނެދޭން އެމެރިކާއިން ދަނީ ދެކޮޅު ހަދަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނީ، ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އެމެރިކާއިން ފުރިހަމައަށް ބައިވެރިވަމުންދާ ކަން ބްލިންކަންގެ ނިންމުމުން ސާފުވެ، ހާމަވެފައިވާ ކަމުގައެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރާ ތިންކް ޓޭންކެއް ކަމުގައިވާ އަލް-ޝަބަކަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޠާރިޤު ކެނީ-ޝައްވާ ވިދާޅުވީ، ބްލިންކަނާއި އޮސްޓިން ޔަހޫދީންނަށް ފޮނުވާފައިވާ ސިޓީއަކީ ބޮޑު އޮޅުވައިލުމެއް ކަމުގައެވެ. "ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ތަަސައްލީއެއް ހޯދައިދޭން، ދެމެހެއްޓެނިވި ސުލްޙަ ޤާއިމުކޮށްދޭން، [ޙަމާސުން ރަހީނު ކޮށްފައިވާ] އަސީރުން މިނިވަންކޮށްދޭން، ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަސްތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ އެއްވެސް ވިސްނުމެއް ބައިޑަން ނުގެންގުޅުއްވާ، އޭނާ ކޮންމެ ގޮތަކަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ފެންނަމުން ދަނީ [ޢުދުވާން ހުއްޓައިނުލައި ކުރިއަށް ގެންދިޔުމަށް] އިސްރާއީލަށް އިތުރު ވަގުތު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު،" އޭނާ ވިދާޅުވިއެވެ.
އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ބުނީ، ބްލިންކަން-އޮސްޓިންގެ ސިޓީއާ ގުޅިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމުގައެވެ. އެހީ ވެއްދުން އިތުރު ކޮށްފައި ނުވާ ކަމުގައެވެ. އަދި، އެ ސިޓީއަށް ފަހު ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމުގައެވެ. މި ކަން ހާމަކޮށްފައިވާ ޖަމުޢިއްޔާތަކުގެ ތެރޭގައި ނޯވީޖިޔަން ރެފިއުޖީ ކައުންސިލް، އޮކްސްފެމް، ރެފިއުޖީޒް އިންޓަރނޭޝަނަލް އަދި ސޭވް ދި ޗިލްޑްރަން ހިމެނެއެވެ. އެ ޖަމުޢިއްޔާތަކުން ބުނީ، ޣައްޒާގެ 2.3 މިލިޔަން މީހުންގެ ހާލަތު އިތުރަށް ގޯސް ކުރަން ޔަހޫދީން ހީލަތްތެރި ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގައެވެ.
ބްރައުން ޔުނިވަރސިޓީން ހަދާފައިވާ ދިރާސާއަކުން ހާމަވާ ގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން ޔަހޫދީންނަށް 17.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެއީ، ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ އަސްކަރީ ޚަރަދުތަކުގެ ބޮޑު އިންސައްތައެއް ކަމުގައި ވެސް އެ ދިރާސާގައި ހާމަކޮށްފައިވެއެވެ. ޔަހޫދީންނަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީގެ ތެރޭގައި ގިނައީ ނުރައްކާތެރި އަދި ފަނާކުރަނިވި މިސައިލްތަކާއި ބޮންތަކެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,665އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 103,076 މީހުން ޒަޚަމު ކޮށްލާފައެވެ.