ދިވެހިރާއްޖޭގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ މަރުކަޒަށް ފަންނީ އެހީދިނުމަށް އަބޫ ދާބީ ގްލޯބަލް މާކެޓް، އޭޑީޖީއެމް ރެޖިސްޓްރޭޝަން އޮތޯރިޓީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ މަރުކަޒަށް ފަންނީ އެހީދިނުމަށް ސޮއިކުރި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި އޭޑީޖީއެމް ރެޖިސްޓްރޭޝަން އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަމަދް ސަޔަޙް އަލް މަޒްރޫއީއެވެ.
ފަހުމުނާމާގައި ސޮއިކުރުމަށްފަހު އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ފަހުމުނަމާއަކީ ރާއްޖެއަކީ ސަރަޙައްދީގޮތުން އިންވެސްޓްމެންޓާއި މާލީ ދާއިރާގެ ކުރީ ސަފުގައި ގުނާލެވޭ ޤައުމަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މިއާއެކު ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކުރުމަށާއި ބޭރުގެ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެނައުމަށް މަގު ފަހިވާ މަރުކަޒު ޤާއިމްކުރުމުގައި ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް އިޤުތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ވިދާޅުވިއެވެ.
މި ފަހުމުނާމާގެ ދަށުން މައިގަނޑު 4 ކަމަކަށް އަބޫ ދާބީ ގްލޯބަލް މާކެޓް ރެޖިސްޓްރޭޝަން އޮތޯރިޓީން އެހީދޭނެއެވެ. އެއީ ބޭންކު ރެޖިސްޓްރީކުރުމުގެ ކަންކަމުގައި ޤާނޫނީ އަދި ޕްރޮސީޖުރަލް ފްރޭމްވަރކްތައް ހަދައިދިނުމާއި މާލީ ދާއިރާއިން މީހުން ތަމްރީންކުރުމާއި މާލީ މަރުކަޒު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގައި އެހީ ދިނުމާއި މަރުކަޒު ރެޖިސްޓްރީކުރުމުގެ ކަންކަމުގައި ޓެކްނިކަލް އެހީދިނުމެވެ.
ބައިނަލްއަޤުވާމީ މާލީ މަރުކަޒުގެ އެކި ކަންކަމުގައި އެހީދިނުމުގެ އެއްބަސްވުމެއްގައި ޤަތަރު ފައިނޭންޝަލް ސެންޓަރާއެކުވެސް ފަހުމުނާމާއެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ސޮއިކުރައްވާފައިވެއެވެ.
މާލެ އަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެންތަނަކަށް ބަދަލުކޮށް، އެރަށުގައި އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކޮށް ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރެއްވުމަށް ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ކުރީކޮޅު ވަނީ އިޢުލާންކުރައްވާފައެވެ.
ސަރުކާރުން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުގެ ތެރެއިން ފުނަދޫގައި ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ހިމެނޭހެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްޤީކުރުމަށެވެ. މި މަޝްރޫޢުގެ ދަށުން މާލެ-ފުނަދޫ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކެއް އެޅުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ.
ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒު ޤާއިމްކުރެވުމާއެކު ރާއްޖޭގައި މުޅިން އަލަށް މާލީ ސިނާޢަތެއް އުފެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.