އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީ ޑޭވިޑް ކޫޓް ލިވަޕޫލް އާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް އަށް ފާޑުކިޔާފައިވާ ވީޑިއޯ އެއް ލީކު ވުމާއި ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
ޕްރިމިއާ ލީގުގެ މެޗުތަކުގެ ރެފްރީންގެ ކަންތައްތައް ބަލާ ޕީޖީއެމްއޯއެލް އިން ބުނެފައިވަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަދި މިހާރު ރެފްރީ ކޫޓް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އުމުރުން 42 އަހަރުގެ ކޫޓް ވަނީ މި ހަފްތާގައި ލިވަޕޫލް އިން އެސްޓަން ވިލާ 2-0 ގެ ނަތީޖާއަކުން ބަލިކުރި މެޗުގައި ރެފްރީކަން ކޮށްފަ އެވެ. އަދި ޕްރިމިއާ ލީގުގެ މެޗުތައް ރެފްރީކަން ކުރާ އެންމެ ތަޖުރިބާކާރު ރެފްރީންގެ ތެރޭގައި ހިމެނޭ ކޫޓް ދަނީ 2018 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ރެފްރީކަން ކުރަމުންނެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އެއް މިނިޓުގެ ވީޑިއޯ އަކީ 2020 ވަނަ އަހަރު ލިވަޕޫލް އާއި ބާންލީ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކޫޓް ދައްކާފައިވާ ވާހަކަތަކެކެވެ. އެ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވާއިރު އެ މެޗުގައި ރެފްރީގެ ނިންމުންތަކާއި މެދު އޭރުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އަދި އެ މެޗަށްފަހު ކްލޮޕް ވަނީ ކޫޓް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން ލިވަޕޫލްގެ ކުޅުންތެރިންނަށް ބާންލީގެ ކުޅުންތެރިން ތަކުރާރުކޮށް ފައުލް ކުރުމުންވެސް އަޅާ ނުލާ ދޫކޮށްލާފައިވާކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އަދި އެ މެޗުގެ ފުރިހަމަ ވަގުތުގެ ކަށިގަޑާއިއެކު ކްލޮޕް ވަނީ ދަނޑު މައްޗަށް އަރާ ދަނޑު މަތީގައި ރެފްރީ ކޫޓް އާއި ވާހަކަ ދައްކާފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މި ވީޑިއޯ އަކީ ސައްހަ ވީޑިއޯ އެއް ކަމަށާއި އަދި އެ ކަމާއި ގުޅިގެން ލިވަޕޫލްގެ އިތުރުން ޕްރިމިއާ ލީގުންވެސް އެއްވެސް ކޮމެންޓެއް މިވަގުތު ކުރަން ބޭނުން ނުވާ ކަމަށެވެ.
ޕްރިމިއާ ލީގުގެ ގަވާއިދު ބުނާ ގޮތުން ލީގުގެ މެޗުތައް ރެފްރީކަން ކުރާ ފަރާތްތަކުން އެ ރެފްރީން ސަޕޯޓް ކުރާ ޓީމުތައް އަންގާ ރިޕޯޓް ކުރަން ޖެހެއެވެ. އަދި ކޫޓް އަންގާފައިވާ ގޮތުގައި އޭނާއަކީ ނޮޓްސް ކައުންޓީގެ ސަޕޯޓަރެކެވެ. އެހެންކަމުން އޭނާއަށް ކޮޓްސް ކައުންޓީ އާއި ނޮޓީންހަމް ފޮރެސްޓްގެ އެއްވެސް މެޗެއްގައި ރެފްރީ ކަމެއް ނުކުރެވޭނެ އެވެ.