ޚަބަރު

ރާއްޖޭގައި ޑިޖިޓަލް ބްރޯޑްކާސްޓިންގ ނެޓްވޯކެއް ޤާއިމްކުރައްވަނީ


ރާއްޖޭގައި ޑިޖިޓަލް ޓެލެވިޜަން ބްރޯޑްކާސްޓިން ނެޓްވާކެއް ޤާއިމްކުރުމަށް "މިނިޓްސް އޮފް ޑިސްކަޝަން"ގައި ސޮއިކުރައްވައިފިއެވެ.  

މި މަޝްރޫޢުއަކީ 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރާއެކު ސޮއިކުރެއްވި ޖޮއިންޓް ސްޓޭޓްމަންޓްގެ ދަށުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ޤާއިމްކުރައްވާ އައިއެސްޑީބީޓީ ނެޓްވޯކެކެވެ. މިއަދު ވަނީ މި މަޝްރޫޢާބެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެއްސެވި ގޮތާއި ބެހޭގޮތުން އެކުލަވާލެވުނު މިނިޓްސް އޮފް ޑިސްކަޝަންގައި ސޮއިކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރުއެވެ. ޕަބްލިކް ސާރވިސް މީޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. އަދި ޖަޕާން އިންޓަރނޭޝެނަލް ކޯޕަރޭޝަން އެޖެންސީ "ޖައިކާ"ގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ ޓީމްގެ ލީޑަރ މިސްޓަރ ޖޮޓާރޯ ޓަޓަޔާމާއެވެ. މި އެއްބަސްވުމިގައި ސޮއިކުރެއްވުމަށްފަހު ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އެންމެ ޒަމާނީ ފެންވަރުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޓީވީ ސިގްނަލްގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ. މި ނެޓްވަރކް ޤާއިމްކޮށް ނިމުމުން ހުރިހާ ބްރޯޑްކާސްޓަރުންވެސް މި ނެޓްވޯކްގައި ބައިވެރިވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. މިނިސްޓަރ އުމަރު ވިދާޅުވީ، ދައުލަތުގެ ފަރާތުން ޤާއިމްކުރައްވާ މި ނެޓްވަރކްގައި ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގެންފިނަމަ އެބޭފުޅުންނަކީ ނެޓްވަރކް އޮޕަރޭޓްކުރާ ބަޔަކަށްނުވެ އެބޭފުޅުން ކޮންޓެންޓް ޕްރޮވައިޑްކޮށްދޭ ބަޔަކަށްވާނެކަމަށެވެ. 

މިރަސްމިއްޔާތުގައި ޖަޕާން އިންޓަރނޭޝެނަލް ކޯޕަރޭޝަން އެޖެންސީ "ޖައިކާ" ޓީމްގެ ލީޑަރ މިސްޓަރ ޖޮޓާރޯ ޓަޓަޔާމާ ވިދާޅުވީ، މި ނެޓްވަރކް ޤާއިމްކޮށް ނިމުމުން އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީގޮތުން ރާއްޖެއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން ނަމަ މިއަހަރު ފަހުކޮޅު ސަރވޭގެ މަސައްކަތް ނިންމާލެވޭނެކަމަށް ޓަޓަޔާމާ ވިދާޅުވިއެވެ.

މި ނެޓްވޯކް ޤާއިމްކުރުމަށްޓަކައި ޖަޕާންގެ ޓީމުތަކުން ރާއްޖެއަށް ޒިޔާރަތްކޮށް ޓެކްނިކަލް ސަރވޭތަކާއި އެހެނިހެން ތައްޔާރީތައް ވަމުންދާކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިގޮތުން ރާއްޖޭގައި ޤާއިމްކޮށް ހިންގާނެ އައިއެސްޑީބީޓީ ނެޓްވޯރކާއި ބެހޭ އެންމެ ފަހުގެ ސާރވޭކޮށް ތަފްސީލް ޑިޒައިން ނިންމުމަށް "ޖައިކާ" ގެ ޓީމެއް ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުންދާކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މި ނެޓްވޯކް ބަލަހައްޓާ ޚިދްމަތް ދިނުމުގެ މަސައްކަތް ކުރައްވާނީ ޕަބްލިކް ސާރވިސް މީޑިއާއިންނެވެ. މި ނެޓްވޯކްގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާއިރު ދެހާސް އަށާރަ ވަނަ އަހަރުގެ މެދުތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.