ޚަބަރު

ބޯންމެރޯ ހެދި ކުދިންގެ ރިވިއު ހެދުމުގެ ޚަރަދު ދައުލަތުން ދެއްވަނީ


ޒަކާތު ފަންޑު މެދުވެރިކޮށް ދައުލަތުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވާ ކުދިންގެ ރިވިއު ހެދުމުގެ އިންތިޒާމްތައްވެސް ދައުލަތުގެ ފަރާތުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޔާމީން ވަޢުދުވެ ވަޑައިގެންފައިވާފައިވާ ގޮތުގެ މަތިން ދައުލަތުގެ ޚަރަދުގައި، ޒަކާތު ފަންޑު މެދުވެރިކުރައްވައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާފައިވާ ތެލެސީމިޔާ ކުދިންގެ ރިވިއު ހެދުމުގެ އިންތިޒާމްތައް ދައުލަތުގެ ފަރާތުން ހަމަޖެއްސެވުމަށް ރައީސް ޔާމީން ނިންމަވާފައިވާކަމަށެވެ. އަދި މިކަން މިގޮތަށް ނިންމެވީ، އޮޕަރޭޝަން ކުރުމަށްފަހު އެނބުރި އައިސް މޯލްޑިވްސް ބްލަޑް ސަރވިސްގެ ބެއްލެވުމުގެ ދަށުން އެއްއަހަރު ފަރުވާ ހޯދުމަށްފަހު، އެ ކުދިން އޮޕަރޭޝަން ކުރި ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނަށް ދައްކާ ރިވިއުހެދުމަށް ފޮނުވުމަށް އެ ކުދިންގެ ޑިސްޗާޖް ސަމަރީގައި އެދިވަޑައިގެންފައިވާތީކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއްވައެވެ.

ތެލެސީމިޔާ ބައްޔަށް މި ފަރުވާ ލިބުނު 18 ކުދިންގެ ތެރެއިން 12 ކުދިން މި ބަލިން މުޅިން ސަލާމަތްވެފައިވާކަންވެސް ރައީސް އޮފީހުން ފާހަގަކުރައްވައެވެ.