ޚަބަރު

ސަރުކާރުން ކުންފުނިތަކަށް ދޭން ހުރި ފައިސާގެ ތެރެއިން 6.6 ބިލިޔަން ރުފިޔާ ދީފި


  • ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާ ފަސް މިލިޔަން ރުފިޔާއަށް ދަށް ބިލްތައް ވަނީ ޚަލާސްކޮށްފައި

ސަރުކާރުގެ މަސައްކަތްތައްކޮށް ނުދައްކާ ހުރި ފައިސާގެ ތެރެއިން، މިވޭތުވެ ދިޔަ އެއް އަހަރު ތެރޭ 6.6 ބިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ހަމައެކަނި އާންމު ވިޔަފާރިތަކަށް ދޫކޮށްފައިވާ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސަރުކާރުގެ އެކި ވުޒާރާތަކާއި މުޢައްސަސާތަކުން ހަވާލުކޮށްގެން ކޮށްފައިވާ ގިނަ މަސައްކަތްތަކަށް ފައިސާ ދައްކާފައި ނުވެއެވެ. އެގޮތުން އާންމު ވިޔަފާރި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ ވިޔަފާރިތައް ހިންގުމަށް ދަތިވެފައިވާކަމުގެ ކަންބޮޑުވުންތައް އޭރު ދިޔައީ ފާޅުކުރަމުންނެވެ. މިއާއެކު މާލީ ބޮޑެތި ގޮންޖެހުންތަކާއެކުވެސް ސަރުކާރުން ދިޔައީ ފައިސާ ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތަށް ކުންފުނިތަކަށް ނުދެވި ހުރި ފައިސާ ދައްކާނެ ގޮތްތަކެއްވެސް ސަރުކާރުން ކަނޑައެޅިއެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން މިފައިސާތައް ދައްކައި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން މިކަން ކުރާނީ ކޮންމެ މަހަކު ވެންޑަރުންނަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މިހާ ހިސާބަށް އައިރު، 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާ، ފަސް މިލިޔަން ރުފިޔާއަށް ވުރެ ދަށް ހުރިހާ ބިލްތަކަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

" ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާ ރައްޔިތުންގެ ފަސް މިލިޔަނަށް ވުރެ ދަށުގެ ހުރިހާ ބިލްތަކަށް ފައިސާ ދީ ނިންމައިފިން. މިދިޔަ ހަފްތާގައި އެކަނި 501 މިލިޔަން ރުފިޔާ ޖަމާކޮށްދީފައިވާނީ. މިދިޔަ 51 ހަފްތާ އާއި ދެދުވަސް ތެރޭ ޖުމްލަކޮށް 6.6 ބިލިޔަން ރުފިޔާ؛ މިއީ އެސްއޯއީތަކަށް ނޫން. އާންމު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިން ފައިސާ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ދޭންހުރި ފައިސާ ދެމުން، ރައްޔިތުންގެ ފައިސާ ހޯދަމުން އަދުލުވެރި ނިޒާމެއް ޤާއިމް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް ޢަމަލުކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިފާނު ދެއްވިއެވެ.

ސަރުކާރުން ކުންފުނިތަކަށް ދޭން ހުރި ފައިސާ ދައްކާނެ ގޮތްތައް ކަނޑައަޅާފައިވާއިރު، ދައުލަތުން ނުދެއްކި ހުރި ފައިސާއަށް ބަދަލުދޭނެ ގޮތްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތްތަކަކީ؛

ނުދެއްކި ހުރި ފައިސާއަށް ބަދަލުދޭނެ ގޮތްތައް:

* ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެފަދަ ޓީ-ބޮންޑަކަށް އެފައިސާ ބަދަލުކުރުން
* ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ދިނުން
* ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން (ޚާއްސަކޮށް ޓެކްސްއިން) އެފައިސާ އުނި ކުރުން

ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދާއިރު، އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ޓާސްކްފޯހެއް އެކުލަވާލައި އެމަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.