ޚަބަރު

ޗެލްސީ އާއި އާސެނަލްގެ މެޗު އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ވަނީ 11 މެޗު ކުޅެފަ އެވެ. އެގޮތުން ޗެލްސީ އާއި އާސެނަލް އަށްވެސް 11 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ތިންވަނަ މަގާމު ޗެލްސީ އަށް ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗު އެއްވަރުވުމާއިއެކު އާސެނަލް އިން މި ސީޒަނުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް އެ ޓީމަށް މޮޅުވެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ޗެލްސީގެ ކޯލް ޕާމާ ފޮނުވާލި ބާރު ހަމަލައެއް އާސެނަލްގެ ކީޕަރު ރާޔާ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްފައިވާއިރު މާލޯ ގަސްޓޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މީގެ އިތުރު ފުރަތަމަ ހާފްގައި އާސެނަލްގެ ކައި ހަވާޓްޒް ޗެލްސީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ ވަނީ ވީޑިއޯ ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަނަރަ ވަނަ މިނިޓުގައި އާސެނަލްގެ މާޓިން އޮޑެގާޑް ދިން ބޯޅަ އަކުން ގެބްރިއެލް މާޓިނޭލީ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ފެނާންޑޭޒް ދިން ބޯޅަ އަކުން ޕެޑްރޯ ނެޓޯ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އާސެނަލް މޮޅުވާން އެ ޓީމަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ވިލިއަމް ސަލީބާ ނަގައިދިން ހުރަސް އޭރިޔާ ތެރޭގައި ހުހަށްހުރެ ލިއަންދްރޯ ޓޮރޮސާޑް އަށް ވަނީ ގޯލުގެ ތެރެއަށް ފޮނުވާނުލެވިފަ އެވެ.