ޚަބަރު

ރެއާލް ސޮސިއެޑާޑުން ބާސެލޯނާ ބަލިކޮށްފި


ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެ އެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުން އެ ޓީމު ބަލިވި ނަމަވެސް ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑަކާއިއެކު އަދިވެސް އޮތީ ބާސެލޯނާ އެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެ ލިބިފައިވަނީ 27 ޕޮއިންޓެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ނުލާ އެ ޓީމުން ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި ރެއާލް ސޮސިއެޑާޑް އަށް ކާމިޔާބު ކޮށްދީފައިވަނީ ޝެރަލްޑޯ ބެކާ އެވެ.

މި ލަނޑަށްފަހުވެސް ރެއާލް ސޮސިއެޑާޑް އަށް ވަނީ މި މެޗުގައި އިތުރު ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ.

ބާސެލޯނާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ލެވަންޑޯސްކީ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރެންކީ ޑެޖޮންގް ގެ ބަދަލުގައި ކޯޗު ހެންސީ ފްލިކް ވަނީ ޑެނީ އޮލްމޯ ކުޅެން އަރުވާފަ އެވެ. ނަމަވެސް ބާސެލޯނާ އަށް ވަނީ އެ ޓީމުގެ އަސްލު ކުޅުން ދެއްކޭ ގޮތް ނުވެފަ އެވެ. އަދި މުޅި މެޗުގައި އެ ޓީމަށް ރެއާލް ސޮސިއެޑާޑްގެ ގޯލަށް އަމާޒުކޮށް ހަމަލައެއް ފޮނުވާލެވިފައެއް ނުވެއެވެ.

ސްޕެއިންގެ ލަލީގާގައި ރޭ މަޔޯކާ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކާމިޔާބު ކޮށްފައިވާއިރު ސެލްޓަވީގޯ އާއި ރެއާލް ބެޓިސް ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.