ޚަބަރު

12 މެޗަށްފަހު ރޯމާގެ ކޯޗުކަމުން ޖުރިޗް ވަކިކޮށްފި


އިޓަލީގެ ސެރިއާގެ ކްލަބް ރޯމާގެ ކޯޗު ކަމުގެ މަގާމުން ކްރޮއޭޝިއާގެ އިވާން ޖުރިޗް ވަކިކޮށްފި އެވެ.

އުމުރުން 49 އަހަރުގެ ޖުރިޗް ރޯމާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އެންމެ 12 މެޗުގަ އެވެ. އޭނާ އިއްޔެ މަގާމުން ވަކިކޮށްފައިވަނީ ބޮލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުގަ އެވެ. މިއީ މި ސީޒަނުގައި ރޯމާގެ ކޯޗު މަގާމުން ވަކިކުރި ދެވަނަ ފަހަރެވެ.

ކުރިން ރޯމާގެ ކޯޗުގެ ގޮތުގައި ހުރި އިޓަލީގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރ ޑެނިއެލް ޑިރޮސީ މަގާމުން ވަކި ކުރުމަށްފަހު ޖުރިޗް އެ މަގާމަށް ހަމަޖައްސާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހު އެވެ. ޑެނިއެލް ޑިރޮސީ ރޯމާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އެންމެ އަށް މަސް ދުވަހު ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯ ރޯމާ ދޫކޮށް ދިއުމަށް ފަހުގަ އެވެ.

ރޯމާގެ ވެރިފަރާތް ކަމުގައިވާ ދަ ފްރައިޑްކިން ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ޖުރިޗް އެ ކްލަބަށް ކޮށްދީފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް ދާއިމީ ކޯޗެއް ހަމަޖައްސާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދަ ފްރައިޑްކިން ގްރޫޕުން ދަނީ އިނގިރޭސިވިލާތުގެ އެވަޓަންގެ މެޖޯރިޓީ ހިއްސާ ގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ކަމުގެ ސަބަބުން ރޯމާއަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށްވެސް އެ ގްރޫޕުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މީޑިޔަ ރިޕޯޓްތައް ބުނާ ގޮތުގައި ރޯމާގެ ކޯޗުގެ މަގާމާއި ހަވާލުވުން އެންމެ ގާތް ފަރާތަކީ ދާދި ފަހުން ސައުދި އަރަބިއްޔާގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ހުރި އިޓަލީގެ ރޮބާޓޮ މަންޗީނީ އެވެ.

ސެރިއާގެ ތާވަލުގެ 12 ވަނައިގައި މިވަގުތު އޮތް ރޯމާ ޔޫއެފާ ޔޫރޮޕާ ލީގުގައިވެސް މި ސީޒަނުގައި ވާދަކުރާއިރު, ރޯމާ އޮތީ ޖުމްލަ 36 ޓީމު ވާދަކުރާ މި މުބާރާތުގެ 20 ވަނައިގަ އެވެ.