ޚަބަރު

ޣައްޒާއަށް ބޮންއަޅައި އެއް ދުވަހުން 40 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ހިންގާފައިވާ ޤަތުލުޢާންމުތަކުގައި 40އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. ޢުދުވާނުގެ ދަށުން ދެމުންދާ ޙަމަލާތަކުގެ ތެރެއިން އެންމެ ފަހުން ބޮންއަޅާފައި ވަނީ އެ ސަަހަރުގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާ، ޕަލަސްޓީނިޔަން ސެންޓަރ ފޯ ހިޔުމަން ރައިޓްސް (ޕީސީއެޗްއާރު)ން ބުނީ، ޖަބާލިޔާގައި ހުރި ތިން ބުރީގެ އިމާރާތަކަށް ދިން ޙަމަލާއެއްގައި 24 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެއީ، ގެދޮރު ނެތިކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔަ ގެއެކެވެ.

އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭއިރު، އިތުރު 33 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޕީސީއެޗްއާރުން ބުނީ، ޙަމަލާ ދީފައިވާ އިމާރާތާ އިންވެގެން ހުރި އެހެން ގެތަކުގައި ދިރިއުޅޭ މީހުން ވެސް ޒަޚަމުވެފައިވާ ކަމުގައެވެ. ޖަބާލިޔާއިން އެންމެ ފަހުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް، އެ ސަރަޙައްދުގައި ހުރި ހަސްފަތާލެއްގެ ގޯތިތެރޭގައި ތިބި މަންޒަރެވެ.

ޣައްޒާ ސިޓީގައި ޢާންމުން ދިރިއުޅޭ އިމާރާތަކަށް ވެސް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ސިޓީގެ ޞަބްރާ އަވަށަށް ދިން ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ވާއިލް އަލް-ޚޫރާއި އޭނާގެ ޢާއިލާ ހިމެނެއެވެ. އަލް-ޚޫރަކީ ފަލަސްޠީނުގެ ވެލްފެޔާއާ ބެހޭ ވުޒާރާއި މަސައްކަތް ކުރާ އިސް އޮފިޝަލެކެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އޭނާގެ އަންހެނުންނާއި، ފިރިހެން ދަރިއަކާއި، ދެ އަންހެން ދަރިންގެ އިތުރުން ތިން ކާފަދަރިން ހިމެނެއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ އުތުރުގެ ރަށްތައް ބަންދުކޮށް، އެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ހުސްވި މަހުގެ ތެރޭގައެވެ. ޙަމަލާތައް އަމާޒު ކުރަމުންދާ ރަށްތަކުގެ ތެރޭގައި ޖަބާލިޔާގެ އިތުރުން ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫން ހިމެނެއެވެ. އެ ސަރަޙައްދުގައި ހުރި ހަސްފަތާލުތަކަށް ވެސް ދަނީ މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނީ، އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސާ ގުޅިގެން، އެ ސަރަޙައްދުގައި ހުރި އަލް-ޢަވްދާ ހަސްފަތާލުގައި ތިބި ބައެއް ބަލިމީހުން ޣައްޒާ ސިޓީގެ އެހެން މަރުކަޒަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. ބަލި މީހުން ގެންދިޔުމަށް ބޭނުން ކުރި އެމްބިޔުލާންސްތަކަށް ހުރަސް އެޅުމުން، ބަލި މީހުންގެ ތެރެއިން އެކަކު ޝަހީދުވެފައިވާ ކަން ވެސް ރެޑް ކްރެސެންޓުން ހާމަކުރިއެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމަށް ކުރަމުންދާ މަޝްވަރާތައް މި ވަގުތު އޮތީ މަޑުޖެހިފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ މެދު ބާއްވަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކުރަނީ މިޞްރާއި ޤަޠަރުންނެވެ. ނަމަވެސް، މެދުވެރިއެއްގެ ދައުރު އަދާކުރުން ހުއްޓައިލާފައިވާނެ ކަން ޤަޠަރުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. އަދި، އަލުން މަޝްވަރާތައް ފެށުމުގެ ކަންކަން ވިލަރެސް ކުރަން ފަށާނީ، ޙަމަސާއި ޔަހޫދީންގެ ކިބައިން ސީރިޔަސް ކަން ފެނުމުން ކަމުގައި ވެސް ޤަޠަރުން ބުންޏެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,603އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,929 މީހުން ޒަޚަމު ކޮށްލާފައެވެ.